ޚަބަރު

ރައީސް އަވަހާރަކޮށްލަން އުޅުނުކަމުގެ ދަޢުވާއަށް އިންކާރުކޮށްފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ލަންކާގެ ސުނައިޕަރެއް ( ބަޑިޖެހުމުގެ ޚާއްސަ ތަމްރީން ލިބިފައިވާ މީހެއް ) ގެނައި މައްސަލާގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވާ ދައުވާއަށް އޭނާ އިންކާރުކުރައްވައިފިއެވެ.

ދައުލަތުން އަހުމަދު އަދީބާއި ދެކޮޅަށް އުފުއްލަވާފައިވަނީ އެނގިހުރެ މީހަކު މަރަން ރޭވުމުގެ ކުށުގެ ދަޢުވާއެވެ. ދަޢުވާއަށް އިންކާރުކުރެއްވުމަށް ފަހު އަހުމަދު އަދީބު ވަނީ ވަކީލަކު ހަމަޖެއްސެވުމަށް އިތުރު ފުރުޞަތެއް ދެއްވުމަށް އެދިވަޑައިގެންފައެވެ.

މި މައްސަލާގައި އަހުމަދު އަދީބުގެ އިތުރުން، ރައީސް ޔާމީން އަވަހާރަކޮށްލުމަށް ލަންކާއިން ގެނައި އަމާޒަށް ބަޑި ޖަހާ ސްނައިޕަރާއި މާފަންނު ލިލީޕާކް، ފަޒީލް ހަމީދުގެ މައްޗަށްވެސް އެނގިހުރެ މީހަކު މަރަން ރޭވުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުއްލަވާފައިވެއެވެ. އަދި އަހުމަދު އަދީބުގެ އެދުމުގެ މަތިން ލަންކާ ސުނައިޕަރު ގެނައުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާކަމުގެ ތުހުމަތުގައި ގ އޮއިވާލި އިސްހާޤު ހުސެއިންގެ މައްޗަށް އިނގިހުރެ މީހަކު މަރަން ރޭވުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ އުފުއްލަވާފައިވެއެވެ.

މި މައްސަލާގައި މިއަދު ބޭއްވެވި އަޑުއެހުން ނިންމަވާލައްވާފައިވަނީ ވަކީލަކު ހަމަޖެއްސުމަށް 3 ދުވަހުގެ މުއްދަތެއް އަހުމަދު އަދީބާއި ލަންކާ ސުނައިޕަރަށް ދެއްވުމަށްފަހުއެވެ. އަދި 3 ދުވަސް ފަހުން ޝަރީއަތުގެ އިތުރު އަޑުއެހުމެއް ބާއްވަވާނެކަންވެސް މައްސަލަ ބައްލަވާ ގާޒީ މިއަދު އިއުލާންކުރައްވާފައިވެއެވެ.