ދުނިޔެ

ޖާސޫސީ މަޢުލޫމާތު ޙިއްސާކުރުމަށް އެއްބަސްވެއްޖެ


ހަރުކަށި ޖަމާޢަތްތަކާ ހަނގުރާމަ ކުރުމަށްޓަކައި ޖާސޫސީ މަޢުލޫމާތާއި އެނޫންވެސް މަޢުލޫމާތު އެއްގައުމުން އަނެއް ގައުމަށް ފޯރުކޮށްދިނުމަށް އިންޑިއާއާއި ބަންގްލަދޭޝްއިން އެއްބަސްވެއްޖެއެވެ. އެ ދެ ޤައުމު މިކަމަށް އެއްބަސްވެފައިވަނީ ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާއަށް ވަޑައިގެން އުޅުއްވާ ބަންގްލަދޭޝްގެ އިންފޮމޭޝަން މިނިސްޓަރ ޙަސަނުލްޙައްޤު އީނޫއާއި އިންޑިޔާގެ އިންފޮމޭޝަނާބެހޭ މިނިސްޓަރ ވެންކައިއާ ނައިޑޫ ނިއުދިއްލީގައި ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގައެވެ. 

މި މަޝްވަރާތަކަށްފަހު ބަންގްލަދޭޝްގެ މިނިސްޓަރު ވިދާޅުވީ ޖާސޫސީ މަޢުލޫމާތާއި އެނޫންވެސް މަޢުލޫމާތު އިންޑިއާއާއި ބަންގްލަދޭޝްއިން ބަދަލުކުރުމަކީ ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ދެ ޤައުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަމަށެވެ. 

މި މަޝްވަރާތަކަށްފަހު އިންޑިއާގެ މިނިސްޓަރު ވެންކައިއާ ނައިޑޫ ވިދާޅުވީ މަޢުލޫމާތު ޙިއްޞާކުރުމާއި ފަޤީރުކަން ކުޑަކުރުމުގެ ޕްރޮގްރާމްތައް ހިންގުމަކީ ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމަ ކާމިޔާބު ކުރުމަށްޓަކައި ކޮންމެހެން ބޭނުން ކަންތައްތަކެއް ކަމަށެވެ.