ޚަބަރު

ހަތިޔާރު ހުރިތޯ ބެލުމަށް ރ. ފެންފުށި ބަލާ ފާސްކުރަނީ


ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަޙްޤީޤަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ސަލާމަތީ ބާރުން ރ. އަތޮޅު ފަޅުރަށެއްކަމަށްވާ ފެންފުށި ބަލައި ފާސްކުރައްވަން ފަށްޓަވައިފިއެވެ.

ފުލުހުން ވިދާޅުވީ އިއްޔެއިން ފެށިގެން ރ. އަތޮޅު ފެންފުށި ބަލައި ފާސްކުރައްވަމުން ގެންދަވަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. އަދި އެރަށް ބަލައި ފާސްކުރައްވަނީ ރިޔާސީ ލޯންޗުކޮޅުގައި ބާރުގަދަ އެއްޗެއް ގޮއްވާލާފައިވާ މައްސަލައިގައި ބ.ހިބަޅިދޫ ބަލައި ފާސްކުރެއްވުމުގެ ތެރޭގައި އެރަށު ފަރުގެ އުރަފަށުން ގިނަ އަދަދެއްގެ ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ފެނިފައިވާ މައްސަލާގައި ފެނުނު ހަތިޔާރާއި ގޮވާތަކެތީގެ ތެރެއިން ނުފެނިފައިވާ ބައެއް ހަތިޔާރާއި ގޮވާތަކެތި ރައްކާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހު ބ. ހިބަޅިދޫން ފެނުނު ހަތިޔާރުގެ މައްސަލައިގައި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި ސިފަންގެ ހަތިޔާރު ގުދަނުގެ ކުރީގެ ވެރިޔާ އަޙްމަދު ފަޔާޒުގެ މައްޗަށް ދައުލަތުން ވަނީ ދަޢުވާ އުފުއްލަވާފައެވެ. އަދި މި މައްސަލައިގެ އަޑުއެހުންތައްވެސް ވަނީ ކޯޓްގައި ފަށްޓަވާފައެވެ. އަދި ރިޔާސީ ލޮންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތަޙްޤީޤަށް ހޯދަން ބޭނުވެގެން ރެޑް ނޯޓިސް ނެރެފައިވާ މ. ސެސްނާ މުޙައްމަދު ޢައްލާމް ލަޠީފާއި މ. ލޭންޑް އޮފް ގާރޑަން އަޙްމަދު އިޝްފާޙް ޢަލީގެ މައްޗަށްވެސް ދައުލަތުން ދަޢުވާ އުފުއްލަވާފައިވެއެވެ. މީގެ އިތުރަށް އަޙްމަދު އަދީބާ ގާތްގުޅުމެއް އޮންނަ ގ. އޮޔަވާލި މުޙައްމަދު ޙުސައިންގެ މައްޗަށްވެސް މި މައްސަލައިގައި ދައުލަތުން ގެންދަވަނީ ދަޢުވާކުރައްވަމުންނެވެ.