ޚަބަރު

ބޮޑުތަކުރުފާނުމަގު ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ނިންމާލައިފި


  • މަސައްކަތް ކުރިއަށްގެންދަނީ ފަސް ސެގްމަންޓަކަށް ބަހާލައިގެން

  • ފުރަތަމަ ސެގްމަންޓަކީ ލޯކަލް މާރުކޭޓުން ފެށިގެން، ރަސްމީ ފާލަމާ ހަމައަށް

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް ނިންމައިލައިފިއެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްގެންދަނީ ފަސް ސެގްމަންޓަކަށް ބަހާލައިގެންނެވެ. އޭގެތެރެއިން ފުރަތަމަ ސެގްމަންޓްގައި ކުރިއަށްގެންދަނީ ލޯކަލް މާރުކޭޓުން ފެށިގެން، ރަސްމީ ފާލަމާ ހައަށް ހިމެނޭ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތެވެ.

އެމްޓީސީސީއިން ވިދާޅުވީ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ނިމިފައިވާކަމަށެވެ. އަދި ސްޓޯމްވޯޓާ މެނޭޖްމަންޓް ސިސްޓަމްގެ ޕަމްޕް ސްޓޭޝަން ވަޅު ކަސްޓްކޮށްފައިވާއިރު، އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މި މަޝްރޫޢުގެ ސެގްމެންޓް 1 ގެ ސަބް ގްރޭޑް މަސައްކަތްތަކާއެކު ކެރިޖްވޭގެ މަސައްކަތްތައް ވަނީ ފަށާފައިކަމަށާއި ޑްރެނޭޖް ސިސްޓަމްގެ ތަކެތި ޑެލިވަރީކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތް މި ހަފްތާގައި ފެށުމަށް ވަނީ ހަމަޖެހިފައިކަމަށް އެމްޓީސީސީއިން ވިދާޅުވިއެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ސެގްމެންޓު ނޮވެމްބަރު މަހު ނިމޭނެކަމަށްވެސް އެމްޓީސީސީއިން ވަނީ ވިދާޅުވެފައެވެ.

ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މާލޭގެ އުތުރުން ބޮޑުތަކުރުފާނު މަގުގެ ޖުމްލަ 830 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 737 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީކުރަނީ ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ޚާއްސަ ސަރަޙައްދެއް ހިމެނޭގޮތަށެވެ. ފުރަތަމަ ސެގްމަންޓްގައި މަގު ފުޅާކުރުމަށް ބައެއް ވަނީ ހިއްކާފައެވެ.

މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.

މިއީ މާލޭގެ އެންމެ މުހިންމު އަދި ކާރޫބާރޫ ބޮޑު އެއް ސަރަޙައްދެވެ. މާލޭގެ މަލަމައްޗެވެ. އަދި ގިނަ އޮފީސްތަކެއް ހިމެނޭ ސަރަޙައްދެއްގެ އިތުރުން، މިއީ މާލެއަށް ދަތުރުކުރާ ގިނަ ކަނޑު އުޅަނދުތައްވެސް ބޭނުންކުރާ މައި ސަރަޙައްދެކެވެ. ބަނދަރު ސަރަހައްދު ބޭނުންކުރުމުގައި ވަގުތީގޮތުން ބައެއް ބަދަލުތައްވެސް ވަނީ ގެނެސްފައެވެ.