ކުޅިވަރު

ކާވާ މެންސް ކަޕް 2025 ގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ވޮލީ ޓީމު އިއުލާންކޮށްފި


މި މަހުގެ 22 އިން 28 ގެ ނިޔަލަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްދާ ކާވާ މެންސް ކަޕް 2025 ގައި ބައިވެރިވާ ރާއްޖޭގެ ސީނިއަރ ގައުމީ ވޮލީބޯޅަ ޓީމު އިއުލާންކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ ހަރުގޭގައި އޮތް މިރަސްމިއްޔާތުގައި ރާއްޖޭގެ ސީނިއަރ ގައުމީ ވޮލީ ޓީމަށް ހޮވުނު ކުޅުންތެރިން އިއުލާނު ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.

މިރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ބައިވެރިވަޑައިގެންނެވިއެވެ. އޭގެ އިތުރުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަޠީފާއި ޖެނެރަލް ސެކްރެޓެރީ މުހައްމަދު ސައީދުގެ އިތުރުން ކުޅިވަރާއި ގުޅުންހުރި ގިނަ ފަރާތްތަކަކުން ބައިވެރިވަޑައިގެންނެވިއެވެ.

ކާވާ މެންސް ކަޕް 2025ގައި ވާދަކުރާ ރާއްޖޭގެ އެތުލީޓުންނާއި މުޚާޠަބުކުރައްވާ ނައިބު ރައީސް ވިދާޅުވީ ވޮލީއަކީ ރާއްޖޭގައި ދިގު ތާރީޚެއް އޮތް ކުޅިވަރެއްކަމަށެވެ. އަދި މިހާރުވެސް މިކުޅިވަރުން ގިނަ ކާމިޔާބީތައް ރާއްޖޭގެ ޓީމުން ހޯދަމުން އަންނަކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ މިމުބާރާތުންވެސް ފަޚުރުވެރި ވަނައެއް ގެންނާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ރާއްޖޭގެ ސީނިއާ ވޮލީ ޓީމަށް ކާމިޔާބީއަށް އެދޭކަމަށް ވިދާޅުވަމުން ކުޅިވަރު ވަޒީރުވަނީ މިކުޅިވަރު ކުރިއެރުވުމަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކާވާ މެންސް ކަޕް 2025 އަށް ފަރިތަކުރުމުގެ ގޮތުން ސީނިއާ ވޮލީ ޓީމުން ތައިލޭންޑަގަ ކޭމްޕް ކުރުމަށް ވަނީ ހަމަޖެހިފައެވެ.