ބައިނަލްއަގުވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި ރޭ ވޭލްސް އަތުން 3-0 ގެ ނަތީޖާއަކުން އިންގްލަންޑް މޮޅުވެއްޖެއެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި ލެޓްވިއާ އާއި ދެކޮޅަށް އަންނަ އަންގާރަ ދުވަހު ކުޅޭ މެޗުގެ ކުރިން އެކުވެރިކަމުގެ މެޗެއްގައި ރޭ ވޭލްސް އާއި ދެކޮޅަށް ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އިންގްލަންޑުން ޖެހި ތިން ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ.
އަނިޔާގެ ސަބަބުން ކެޕްޓަން ހެރީ ކޭން ނެތި ކުޅުނު މި މެޗުގައި އޭނާ ނެތްތަން ފޫބައްދަން ކޯޗު ތޯމަސް ޓުޗެލް ބޭނުން ކޮށްފައިވަނީ އެސްޓަން ވިލާގެ އޮލީ ވޮޓްކިންސް އެވެ.
އިންގްލަންޑުން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާ މި މެޗުގައި ތޯމަސް ޓުޗެލް ވަނީ ސަރބިޔާ އަތުން މިދިޔަ ސެޕްޓެމްބަރ މަހު 5-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ކުޅުނު ގޮތަށް އެޓޭކަށް ވަރަށް ބޮޑަށް އިސްކަން ދީގެން މި މެޗުގައިވެސް ކުޅުވާފަ އެވެ.
މި މެޗުގައި އިންގްލަންޑުން ލީޑު ނަގާފައިވަނީ މެޗުގެ ތިންވަނަ މިނިޓުގައި އެސްޓަން ވިލާގެ މޯގަން ރޮޖަރސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި އޭގެ އަށް މިނިޓު ފަހުން އޮލީ ވޮޓްކިންސް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. އިންގްލަންޑުން ޖެހި ފުރަތަމަ ދެ ލަނޑުވެސް ޖަހަން ފުރުސަތު ތަނަވަސް ކޮށްދީފައިވަނީ ކްރިސްޓަލް ޕެލަސް އަށް ކުޅެމުންދާ މާކް ގޭހީ އެވެ.
އިންގްލަންޑުން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ މެޗުގެ 20 ވަނަ މިނިޓުގައި ބުކަޔޯ ސަކާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ. މި ލަނޑާއެކު އޭނާ ވެފައިވަނީ އިންގްލަންޑްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި އާސެނަލްގެ ކުޅުންތެރިޔާއަށްވެފަ އެވެ. ބުކަޔޯ ސަކާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 13 ލަނޑު ޖަހާފަ އެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް އިންގްލަންޑަށް ލަނޑު ޖަހަން ރަގަޅު ފުރުސަތެއް ލިބިފައިވާއިރު, މޯގަން ރޮޖަރސް ފޮނުވާލި ނުރައްކާތެރި ހަމަލައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ.
އަދި ދެވަނަ ހާފުގައި ވޭލްސް އިން ވަނީ އެ ޓީމުގެ ކުޅުން ވަރަށް ބޮޑަށް ރަގަޅުކޮށް އިންގްލަންޑްގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފަ އެވެ.