ޚަބަރު

ބަޔޯމެޓްރިކްސް ފުރިހަމަނުކުރަނީ 27،000 ބިދޭސީން، ޑީޕޯޓްކޮށްލާނެކަމުގެ އިންޒާރު!


  • ނޮވެމްބަރު 15 ކުރިން ބަޔޯމެޓްރިކްސް ފުރިހަމަކުރުމަށް މުހުލަތެއް

  • ބަޔޯމެޓްރިކްސް ނުދޭނަމަ ޑީޕޯޓްކޮށްލާނެ

މިހާތަނަށް ބަޔޯމެޓްރިކްސް މަޢުލޫމާތު ދީފައިނުވަނީ 27,773 މީހުންކަމަށާއި، މަޤްބޫލު ސަބަބެއްނެތި އެކަން ނުކުރާ ބިދޭސީން ޑީޕޯޓްކޮށްލާނެކަމުގެ އިންޒާރު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާއިން ދެއްވައިފިއެވެ. އެވުޒާރާއިން މިހާތަނަށް ވަނީ ރާއްޖޭގައި ދިރިއުޅޭ އެއްލައްކަ ހަތްދިހަ އަށްހާހަށްވުރެ ގިން ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ އެކްސްޕެޓް ޕޯޓަލްގައި ވަޒީފާދޭ 68،000 ފަރާތް ރަޖިސްޓްރީވެފައިވެއެވެ. އޭގެތެރެއިން 3،942 ފަރާތުގެ ބެލުމުގެ ދަށުގައި ތިބި 27،773 ބިދޭސީއެއްގެ ބަޔޯމެޓްރިކްސް މިހާތަނަށް އަދަހަމަކޮށްފައިނުވާކަމަށް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އެހެންކަމުން އެ ހުރިހާ އެންމެންގެ ބަޔޯމެޓްރިކްސް އަންނަ ނޮވެމްބަރު މަހުގެ 15ގެ ކުރިން އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަދާހަމަކުރުމަށް އެ ވުޒާރާއިން ވަނީ މުހުލަތެއް ދެއްވާފައެވެ.

ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވަނީ ކުރިއެކޭވެސް އެއްގޮތަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޯރމޭޝަން ޓެކްނޯލޮޖީ،އެން.ސީ.އައި.ޓީ އިމާރާތުގައި ޤާއިމްކޮށްފައިވާ ޖޮކް ސެންޓަރުން، ބަޔޯމެޓްރިކް ޑާޓާ ނެގުމުގެ ފުރުސަތު އޮންނާނެކަން ހަނދާންކޮށްދެއްވާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއް ނެތި އެކްސްޕެޓް އޮންލައިން ސިސްޓަމުން ބައޯމެޓްރިކްސް އަދާހަމަކޮށްފައިނުވާ ބިދޭސީން ރާއްޖޭން ޑީޕޯޓްކޮށް، އެ ބިދޭސީންނާމެދު ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެކަމުގެ އިންޒާރުވެސް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ވަނީ ދެއްވާފައެވެ. އެ ބިދޭސީންގެ ވަޒީފާ ދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން ފަންސާސް ހާސް ރުފިޔާއިން ޖޫރިމަނާކޮށް، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް އެވުޒާރާއިން ވަނީ ދެއްވާފައެވެ.

ބިދޭސީންނާ ގުޅޭ ފީތައް ނުދައްކައިގެން 8،000އަށްވުރެ ގިނަ ފަރާތް، އެކްސްފެޓް ސިސްޓަމުން ވަނީ ސަސްޕެންޑްކޮށްފައެވެ. އެ ފަރާތްތަކުން ދަޢުލަތަށް ލިބެންޖެހޭ 1.7 ބިލިޔަން ރުފިޔާގެ ތެރެއިން މިހާތަނަށް 1.2 ބިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

މިހާތަނަށް އެއްލައްކަ ހަތްދިހަ އަށްހާހަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ވަނީ ނަގާފައެވެ. ސަރުކާރުގެ ޢަމާޒަކީ 2027 ވަނަ އަހަރުގެ އޭޕްރިލް މަހާ ހަމައަށްދާއިރު، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ.