ރުކާއި މުރަނގަ އާލާކޮށް، ދަނޑުވެރިންނަށް އިޤްތިސާދީ ނަފާ އިތުރުކުރެވޭނެ މަގު ފަހިކޮށްދިނުމަކީ އަމާޒެއް ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ރުކާއި މުރަނގައަކީ އިހުޒަމާނުއްސުރެ ކާބަފައިން ބޭނުން ކުރަމުން އައިސްފައިވާ ބާވަތްތަކެކެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއި އެކު މި ތަކެތި ހެއްދުން މަދުވެ، ބޭނުންކުރާ މިންވަރުވެސް ވަނީ މަދުވެފައެވެ. މިކަމަށް އިޝާރާތް ކުރައްވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވީ ކާއްޓާއި މުރަނގަތޮޅީގެ އުފެއްދުންތަކަކީ، އެއިން ނަފާ ހޯދިދާނެ ދެ ބާވަތް ކަމަށެވެ.
ސިއްޙަތަށްވެސް ފައިދާ ހުރި މި ބާވަތްތައް އާލާކޮށް އަގުއެއްކޮށްގެން އިތުރު އުފެއްދުންތައް އުފައްދައި އިޤްތިޞާދީ ނަފާ ހޯދިދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ބާވަތްތަކަކީ ޒަމާނުއްސުރެ ކެއިން ބުއިމުގައި ބޭނުން ކުރަމުން އައި ބާވަތްތަކަށް ވެފައި މި ތަކެއްޗަކީ އިހުގެ ދިވެހިންގެ ދިރިއުޅުމުގެ އަސާސީ ބައެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވަނީ މުރަނގައިގެ ބައެއް ފައިދާތައްވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ހަށިގަނޑަށް ބޭނުންވާ ވިޓަމިންސް، މިނަރަލްސް، އަދި އެންޓިއޮކްސިޑެންޓްސްއިން މުރަނގައިގަ ހުންނަ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މި ބާވައްތަށް ބޭނުން ކުރާ މިންވަރު މަދުވެފައި ވުމުން، މިކަންކަމަށް ހޭލުންތެރިކަން އިތުރުކުރަން ޖެހޭކަން ދަނޑުވެރިކަމާއި ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.
ރުކާއި މުރަނގައަކީ، ހަމައެކަނި ސިއްޙީ ފައިދާ ލިބޭ ބާވަތްތަކެއް ނޫންކަމަށް ވިދާޅުވެ، ވަޒީރުވަނީ މި ތަކެތި އާލާ ކޮށްގެން، އިޤްޞާދީ ނަފާ ހޯދުމުގެ ފުރުސަތުވެސް ފަހިކުރުމަށް މަސައްކަތްކުރަމުންދާ ކަން ފާހަގަކުރައްވާފައެވެ. މިގޮތުން މުުރަނގަ ގަހުގެ ބައިތަކުން، މުރަނގަ ސައި، ޕައުޑަރ، ތެޔޮ، އަދި ސްކިންކެއަރ އުފެއްދުންތަކަކީ ރާއްޖޭގައިވެސް އުފެއްދިދާނެ އެއްޗެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޒަމާނުއްސުރެވެސް ދިވެހިންނަކީ ރުކުގެ އެކި ބައިތައް ބޭނުންކޮށްގެން އުފެއްދުންތައް އުފައްދާފައިވާ ބައެކެވެ. ވަޒީރު މާރިޔާ ވަނީ ކާނާއާއި އެކިއެކި ބުއިންތަކާއި، ހުންޏާއި، ފައިބަރ، ކޮތަޅު، ރޯނުފަދަ ތަކެތި އަދި މިނޫންވެސް އެކި ބާވައްތައް އުފެއްދޭނެކަމަށް ވިދާޅުވިއެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ މުރަނގަ އަދި ކާށި އާލާކުރުމަށް، ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް ކޮންސަލްޓެންޓެއް ހޯދަން އިއުލާންކޮށްފައެވެ. ވަޒީރު މާރިޔާ ވިދާޅުވީ ދިވެހިންގެ ސަޤާފަތާއި ގުޅުންހުރި މިފަދަ ބާވަތްތައް އަލާކޮށް ދެމެހެއްޓެނި އިޤްތިޞާދީ މަސައްކަތެއް ކުރެވޭނެ މަގު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ކާބަފައިންގެ ފުށުން ލިބިފައިވާ ހުނަރުތަކާއި ވަސީލަތްތަކާއި އިޖާދުތައް ބޭނުންކޮށްގެން މިދާއިރާ ކުރިއެރުވުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވިއެވެ.