ސެޕްޓެންބަރު މަހު އެންމެ ގިނައިން ވާރޭވެހިފައިވަނީ ލ. ކައްދޫއަށް ކަމަށް އެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ. އެ އިދާރާއިން ވަނީ މިދިޔަ ސެޕްޓެންބަރު މަހު ރާއްޖޭގެ މޫސުމާ ގުޅޭ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އެންމެ ގިނައިން ވާރޭވެހުނީ ލ. ކައްދޫއަށެއެވެ. ކައްދޫއަށް ޖުމްލަ 130 މީލިމީޓަރުގެ ވާރޭ ވެހިފައި ވާކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މިދިޔަ ސެޕްޓެންބަރު މަހު އެންމެ ހޫނުވެފައިވަނީ ކ. ހުޅުލެއަށެވެ. އެގޮތުން ހުޅުލެއަށް 33.2 ޑިގްރީ ސެލްސިއަސްއަށް ހޫނުވެފައިވަާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފިނި ހޫނުމިން އެންމެ ދަށްވެފައިވަނީ ގދ. ކާޑެއްދޫއަށެވެ. ކާޑެއްދޫއަށް ފިނިހޫނުމިން އެންމެ ދަށްވެފައި ވަނީ 22.3 ޑިގްރީ ސެލްސިއަސްއެވެ.
މިދިޔަ މަހު އެންމެ ވައިގަދަވީ ސ. ގަމަށެވެ. ގަމުގައި ރެކޯޑުކުރެވުނު ވައިގެ އެންމެ ބާރުމިނަކީ ގަޑިއަކު 45 މޭލެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން މީގެކުރިންވަނީ ވޭތުވެދިޔަ އަހަރުތަކުގެ ސެޕްޓެމްބަރުމަހާ އަޅާބަލާއިރު، ނިމިދިޔަ ސެޕްޓެމްބަރުމަހު ރާއްޖެއަށް ވާރޭ ވެހޭ ވަރު މަދުވާނެ ކަމަށް ލަފާކޮށްފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން އާންމުކޮށް ވާރޭ ވެހޭ ވަރު އަންދާޒާކުރަނީ ދިގު މުއްދަތުގެ ރެކޯޑްތަކަށް ބަލައިގެންނެވެ. މިއަހަރުގެ ސެޕްޓެމްބަރުމަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭވެހުނު މިންވަރު މަދުވާނެކަމަށް ލަފާކޮށް، އަންދާޒާ ނެރެފައި ވަނީ 1991-2020 ވަނަ އަހަރާ ދެމެދު ސެޕްޓެމްބަރު މަހު ރާއްޖެއަށް ވިއްސާރަ ކޮށްފައިވާ ރެކޯޑްތަަކަށް ބަލައިގެންނެވެ.