ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިރިހެނުންގެ ގައުމީ ނެޓްބޯޅަ ޓީމެއް އެކުލަވާލައިފިއެވެ.
މި ޓީމު އެކުލަވާލާފައިވަނީ އަންނަ އަހަރު ބާއްވާ އޭޝިއަން މެންސް ނެޓްބޯލް ޗެމްޕިއަންޝިޕަށެވެ. މިމުބާރާތް ތާވަލުކޮށްފަވަނީ އަންނަ ފެބްރުއަރީ މަހުގެ 3 އިން 13 އަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައެވެ.
އޭޝިއަން މެންސް ނެޓްބޯލް ޗެމްޕިއަންޝިޕަށް އެކުލަވާލި ގައުމީ ފިރިހެން ނެޓްބޯޅަ ޓީމުން މިހާރު ފަރިތަކުރުންތައްވަނީ ފަށާފައެވެ. މިޓީމު އެކުލަވާލާފައިވަނީ އާންމުކޮށް ހުޅުވާލައިގެން ބޭއްވި ހަފްތާއެއްގެ ސިލެކްޝަން ބުރަކަށްފަހުއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ލެވެލްގައި އުފެއްދި ފިރިހެން ނެޓްބޯޅަ ޓީމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަމުން ޓީމުގެ ހެޑް ކޯޗު އީމާ ޢަބްދުއްސައްތާރު ބުނީ ޓީމަށް ކުޅުންތެރިން ހޮވުމަށް މިދިޔަމަހުގެ މެދުތެރޭގައި ޓްރަޔަލްއެއް ބޭއްވުމަށްފަހު ޓީމަށް ހޮވުނު ކުޅުންތެރިންނާއި އެކު ފަރިތަކުރަމުން އަންނަކަމަށެވެ. ސެލެކްޝަން ބުރަށް ލިބުނު ތަރުހީބު ބޮޑުކަމަށް އޭނާ ފާހަގަކުރިއެވެ. ހަފްތާއެއްގެ ޓްރަޔަލްއަށްފަހު ސްކޮޑެއް ހޮވާ ފަރިތަކުރަމުން އަންނައިރު، އަންނަ އަހަރުގެ ޖެނުއަރީމަހުގެ ތެރޭގައި ރަސްމީ ޓީމު އިއުލާންކުރާނެކަމަށް އީމާ ފާހަގަކުރިއެވެ.
"ފަރސްޓް ޓޯނަމެންޓްވީމަ މިކޮޅުންވެސް ތަރުހީބު އޮތްވަރެއް ބަލާލަންވެގެން އިއުލާންކުރީ. ދެން ހީކުރި ވަރަށްވުރެ ގިނަ ކުދިން އައި ސްކޮޑަށް. މިހާރު މިއީނީ ސިލެކްޝަންސް މިދިޔަ މަހުގެ މެދު ތެރެއިން، ވަން ވީކްގެ ސިލެކްޝަނަކަށްފަހު މިހާރު މިއިނީ ސްކޮޑް ހޮވާލާފަ. ދެން ސްކޮޑްގެ ޕްރެކްޓިސް ކުރިއަށްގެންދާނީ. ގެންގޮސްފަ ޓޯނަމެންޓާއި ކައިރިކޮށްލާފަ، އަރައުންޑް ޖެނުއަރީ ޓީމު ހޮވާނީ" ގައުމީ ފިރިހެން ނެޓްބޯޅަ ޓީމުގެ ހެޑް ކޯޗު ބުންޏެވެ.
އީމާ ބުނީ ޓީމާއި މެދު ކުރެވޭ އުންމީދު ބޮޑުކަމަށާއި މުބާރާތް ފެށުމުގެ ކުރިން ޓީމު ރަނގަޅު ފެންވަރަކަށް ތައްޔާރުކުރެވޭނެކަމަށް އުންމީދުކުރާކަމަށެވެ. އަދި ކުރިއަށް އޮތް މުބާރާތުގައި ޓީމުން ދައްކާ ކުޅުމަށް ބެލުމަށްފަހު އިތުރު މުބާރާތްތަކުގައި ވާދަކުރުމަށް ވިސްނާނެކަމަށް ކޯޗު ބުނެފަވެއެވެ. މިހާރުވެސް ކުޅުންތެރިންގެ ފަރާތުން ފެންނަ ހިތްވަރާއިމެދު ހިތްހަމަޖެހޭކަމަށާއި، މުބާރާތާއި ކުރިމަތިލާނީ ރަނގަޅު ތަޖުރިބާއެއް ހޯދުމުގެ މަގުސަދުގައިކަމަށް އީމާ ބުންޏެވެ.
"ރަނގަޅުވާނެކަމަށް މިބަލަނީ. ޓާރންއަޕްއަށް ބަލާފަ، މިކުދިންގެ ހިތްވަރަށް ބަލާފަ އައި ތިންކް އިޓް ވިލް ބީ ގުޑް" އީމާ ބުނެފަވެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލި ގައުމީ ފިރިހެން ނެޓްބޯޅަ ޓީމުގެ ކުޅުންތެރިއެއްކަމަށްވާ މުހަންމަދު އީމާއު ބުނީ މިއީ ތަފާތު ތަޖުރިބާއެއްކަމަށެވެ. މުޅިން އަލަށް މިކުޅިވަރު ކުޅެން ޖެހުމުން ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރި ނަމަވެސް ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުންވެސް ފެންނަމުންދަނީ އުންމީދީ މަންޒަރެއްކަމަށް އޭނާ ބުންޏެވެ. މިއީ ވަރަށް ރަނގަޅު ފުރުސަތެއްކަމަށް ގަބޫލުކުރާކަމަށާއި ފިރިހެނުންނަށްވެސް މިކުޅިވަރު ކުޅެވޭނެކަމަށް އީމާއު ފާހަގަކުރިއެވެ.
"ވަރަށް ނިއު އެކްސްޕީރިއަންސެއް ބުނެވޭނީ ދެން ފިރިހެން ކުދިންނަށް އައު ކުޅިވަރެއް. ފިރިހެންކުދިން އަނެއްހެން ރާއްޖޭގައި ކުޅޭ ނެޓްބޯލް. އެކަމަކު ނެޝަނަލް ލެވެލްގައި ރާއްޖެ ތަމްސީލުކުރަން ފުރަތަމަ ފަހަރަށްވީމަ ވަރަށް ބޮޑު އޮޕޮޗިއުނިޓީއެކޭ ބުނާނީ. އީމާއުވެސް ވަރަށް އުފާވޭ މިހެން އާދެވޭތީ. ބައިވަރު ކުދިންވެސް ހަމަ އަންނަންވީ. އެނގުނީމަ އަސްލު ވަރަށް ސަޅި ކުޅިވަރެއް މިއީ. ވާނެ، ބޯއިޒްއަށްވެސް ވާނެ ގާރލްޒްއަށް ވަންޏާ" އީމާއު ބުންޏެވެ.
އެއްވަނަ އޭޝިއަން މެންސް ނެޓްބޯލް ޗެމްޕިއަންޝިޕުގައި މިހާތަނަށް 16 ގައުމަކުންވަނީ ބައިވެރިވެފައެވެ. މިމުބާރާތަކީ އޭޝިއާ ނެޓްބޯލްގެ ފަރާތުން އިންތިޒާމުކުރާ މުބާރާތެކެވެ.