ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަމުގެ ގްލޯބަލް އެމްބެސެޑަރ ކެޓްރީނާ ކައިފް ރާއްޖެއަށް


  • ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ކެޓްރީނާ ހަމަޖައްސާފައިވަނީ މިދިޔަ ޖޫންމަހު

  • ރާއްޖެ މަޤުބޫލު މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް ކެތްމަދުވެފައިވާކަމަށް އޭނާ ބުނި

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ގްލޯބަލް އެމްބެސެޑަރަކަށް ހަމަޖައްސާފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފް ވަރަށް އަވަހަށް ރާއްޖެ ޒިޔާރާތްކުރާނެކަމަށް އޭނާ ބުނެފިއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީން އިންސްޓަގްރާމުގައި ޕޯސްޓުކުރި ރީލްއެއްގައި ކެޓްރީނާ ބުނީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމުގެ ފުރުސަތު ލިބިގެންދިއުމަކީ އޭނާއަށް ލިބުނު ވަަރަށް ބޮޑު އުފަލެއްކަމަށެވެ. އޭނާ ބުނީ ރާއްޖެއަކީ ޤުދުރަތީ ރީތިކަމާއި މަތީ ފަންތީގެ ޚިދުމަތުގެ ނަމޫނާއަކަށްވާއިރު، ރާއްޖެ ތަފާތުވާގޮތް ދުނިޔޭގެ އެކި ކަންކަޅުތަކުގެ މީހުންނަށް ކިޔައިދީ މަޤުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމަށް ކެތްމަދުވެފައިވާކަމަށެވެ.

"ސުވަރުގެއެއް ފަދަ ރާއްޖެ ތަޖުރިބާކޮށްލަން ޖެހޭ. ވަރަށް އަވަހަށް ރާއްޖެއިން ބައްދަލުވާނަން،" ކެޓްރީނާ ބުނެފައިވެއެވެ.

ރާއްޖޭގެ ސާފު މޫދާއި ތަފާތު ދިރުންތަކުން ފުރިފައިވާ ކަނޑާއި ހަމަހިމޭން މާހައުލަކީ ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ތަޖުރިބާ ނުކުރެވޭނެ ކަންކަންކަމަށްވެސް އޭނާ ފާހަގަކުރިއެވެ. ނަމަވެސް، ކެޓްރީނާ ރާއްޖެ އަންނާނެ ސީދާ ތާރީހެއް ހާމަކޮށްފައެއް ނުވެއެެވެ.

އަލަތު ދަރިފުޅަށް ބަލިވެއިން ކެޓްރީނާ މި މަހު ވިހާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މިދިޔަ ޖޫން މަހު ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ކެޓްރީނާ ހަމަޖެއްސި އިރު، މި ޕާޓްނާޝިޕްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުގެ ހިތްގައިމު ދިރުންތަކާއި ހާއްސަ ލަގްޒަރީ ތަޖުރިބާތައްކުރަން ދުނިޔޭގެ ގިނަ ޓޫރިސްޓުންނަށް ހިތްވަރު ދިނުމެވެ.

ކެޓްރީނާ ކައިފް ރާއްޖޭގެ ގްލޯބަލް އެމްބެސަޑަރެއްގެ ގޮތުގައި ހަމަޖައްސާފައިވާއިރު، ނެޓްފްލިކްސްގެ "ވަން ޕީސް" ސީރީޒްގެ ތަރި ޓެޒް ސްކައިލާވެސް ވަނީ ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސާފައެވެ. ސްކައިލާ ވަނީ މިދިޔަ އޮގަސްޓު މަހު ރާއްޖެއަށް ޒިޔާރަތްކޮށް، ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތަކެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ.