ޚަބަރު

ކްލަބް މޯލްޑިވްސް ކަޕް: ދެވަނަ ބުރުގައި ވެމްކޯ އާއި އެސްޓީއޯ، އެޗްޑީސީ އާއި ސްޓެލްކޯ


ކްލަބް މޯލްޑިވްސް ކަޕް 2025 ގެ ގަދަ 16 ބުރުގައި ތަށި މިލްކުކުރަން ނުކުތް ކުލަބު ވެމްކޯގެ ފުރަތަމަ އިމްތިހާނަކަށް މުބާރާތުގެ އެންމެ ކާމިޔާބު އަދި މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމު ކަމަށްވާ އެސްޓީއޯ ރެކްރިއޭޝަން ކުލަބު ވެއްޖެއެވެ.

ގަދަ 16 ބުރުގެ ގުރުނެގުމުގެ ރަސްމިއްޔާތު މިރޭ ކުރިއަށްދިޔައިރު ފޯރިގަދަ ވަރުގަދަ މެޗުތަކެއް ދެވަނަ ބުރުގައިވެސް ފެނިގެންދާނެއެވެ. މިގޮތުން މުބާރާތުގެ ތަށި ދެފަހަރު ހޯދާފައިވާ ދެ ޓީމު ކަމުގައިވާ ބީއެމްއެލް އާއި ރޯޑް ރެކްރިއޭޝަން ކުލަބު (އާރްޑީސީ) ގެ ކުރިމަތިލުންވެސް ފާހަގަކޮށްލަން ޖެހެއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފެނުނު އެންމެ ފޯރިގަދަ އެއް މެޗުކަމުގައިވާ ސްޓެލްކޯ ރެކްރިއޭޝަން ކުލަބާއި ކުލަބު އެޗްޑީސީ ބައްދަލުކުރި މެޗުގެ ދެވަނަ ކުރިމަތިލުމެއްވެސް ގަދަ 16 ބުރުގައި ފެނިގެންދާނެއެވެ. މި ދެ ޓީމަކީވެސް ބިދޭސީ ދެ ކުޅުންތެރިންނާއި ރާއްޖޭގެ ފުޓްސަލްގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ވަރުގަދަ ދެ ޓީމެވެ. ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެޗްޑީސީންނެވެ.

މި ފަހަރު އެންމެ ރަނގަޅު އެއް ސްކޮޑް އެކުލަވާލައި ވަރުގަދަކޮށް މުބާރާތާ ކުރިމަތިލި އެމްޓީސީސީ ދެވަނަ ބުރުގައި ބައްދަލުކުރަން ޖެހޭނީ ދިވެހި ސިފައިންގެ ކުލަބާއެވެ. މި ދެ ޓީމުގައިވެސް ބިދޭސީ ކުޅުންތެރިން ހިމެނެއެވެ.

އެމްޓީސީސީއާއެކު މިފަހަރުގެ މުބާރާތަށް ވަރުގަދަ ސްކޮޑެއް އެކުލަވާލި އަނެއް ޓީމު ކަމަށްވާ ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަންސް (ޓީޓީއެސް) ބައްދަލުކުރަން ޖެހޭނީ މި މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ.

މުބާރާތުގެ ތަށި 2022 ވަނަ އަހަރު ކާމިޔާބުކުރި ފެނަކަ ދެވަނަ ބުރުގައި ބައްދަލުކުރާނީ ޕޮލިސް ކުލަބާއެވެ. އަދި ދިރާގު ބައްދަލުކުރާނީ މޯލްޑިވިއަން އާއެވެ. މީގެ އިތުރުން ކްލަބް މޯލްޑިވްސްގެ ތަށި ތިން ފަހަރު ކާމިޔާބުކޮށް މުބާރާތުގައި ކޮންމެ އަހަރަކުވެސް ރަނގަޅު ވާދައެއްކުރާ އެމްޕީއެލް ދެވަނަ ބުރުގައި ބައްދަލުކުރަން ޖެހޭނީ އެފްއެސްއެމް އާއެވެ.