ޚަބަރު

ވޮކޭޝަނަލް ހައި ސްކޫލަށް ވަނުމަށް ހުޅުވާލި ފުރުސަތު މިމަހުގެ 15އާއި ހަމައަށް އިތުރުކޮށްފި


  • މިހައި ސްކޫލްގައި 10 ދާއިރާއަކުން ކިޔަވައިދިނުމަށްވަނީ ހަމަޖެހިފައި

  • ހައި ސްކޫލްގެ 65 އިންސައްތަ ޖާގަ މިހާރުވަނީ ފުރިފައި

  • ސްކޫލްގެ ކިޔެވުން ފެށުމަށް ފަހުގެ ތައްޔާރީތައް އަންނަނީވަމުން

ވޮކޭޝަނަލް ހައި ސްކޫލަށް ވަނުމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ތަޢުލީމީ ވުޒާރާއިން އިތުރުކޮށްފިއެވެ. ވޮކޭޝަނަލް ހައި ސްކޫލްގައި ކިޔެވުން ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ވަމުންނެވެ.

ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައި ސްކޫލް ހުޅުވުމަށް ހަމަޖެހިފައިވަނީ ތައުލީމީ ވުޒާރާއާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެންނެވެ. މިސްކޫލްގައި ކިޔެވުން ފެށުމަށް ވަމުން އަންނަ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.އަޙްމަދު މުޙައްމަދު ވިދާޅުވީ، ތަރައްޤީވެފައިވާ ޤައުމުތަކުގައި އިންސާނީ ވަޞީލަތް ހަރުދަނާކުރުމަށް މިފަދަ ވޮކޭޝަނަލް ސްކޫލްތައް މުހިންމު ދައުރެއް އަދާކުރާކަމަށެވެ. ހަމައެހެންމެ ޤައުމުގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ޒުވާނުން ބިނާކުރުމަށް ވޮކޭޝަނަލް ދާއިރާ މުހިއްމުކަމަށްވެސް ވިދާޅުވިއެވެ.

ޑރ.އަޙްމަދު ވިދާޅުވީ، ވޮކޭޝަނަލް ސްކޫލް ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންއަންނަ ކަމަށެވެ. އެގޮތުން ސްކޫލަށް ވަނުމަށް މިހާރު ހުޅުވާލާފައިވާއިރު ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ދަރިވަރުންތަކެއް މިހައި ސްކޫލަށް ވަނުމަށް ކުރިމަތިލާފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް ސްކޫލްގެ 65 އިންސައްތަ ޖާގަ ފުރިފައިވާއިރު ބާކީ ހުރި ޖާގަތަކަށް ކުރިމަތިލުމަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް މިހާރު އެޕްލިކޭޝަން ހުށައެޅުމުގެ މުހުލަތުވަނީ އިތުރުކޮށްފައިކަމަށް ޑރ.އަޙްމަދު ވިދާޅުވިއެވެ.

"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، އޯލެވެލްގައި ރަނގަޅު ނަތީޖާ ހޯދައިގެން ވަރަށް ފަސޭހަކަމާއެކު ސީއެޗްއެސްއީއަށް ވަދެވޭނެ ނަތީޖާ ލިބިފައި ތިބި ދަރިވަރުންވެސް ވޯކޭޝަނަލް ހައި ސްކޫލަށް ވަންނަން އެދިފައިވޭ. އޭގެއިން ހާމަވަނީ މިއީ ހަމައެކަނި ދަށް ނަތީޖާ ލިބިގެން އިތުރު ގޮތެއް ނެތް ކުދިން ވަންނަން އޮތް ދާއިރާއެއް ނޫންކަން ދަރިވަރުންނާއި ބެލެނިވެރިންވެސް މިހާރު ޤަބޫލުކުރާކަން" ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޕޮލިޓެކްނިކްގެ ސީއީއޯ ޛޫޝާން ކަމާލުއްދީން ވިދާޅުވީ، ވޮކޭޝަނަލް ހައި ސްކޫލްގެ ކިޔެވުން ފެށުމަށްޓަކައި ޕޮލިޓެކްނިކަށް ޢުމްރާނީގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށެވެ. އަދި ޓީޗަރުންނާއި ދަރިވަރުންނަށް ރައްކާތެރި މާޙައުލެއް ޕޮލިޓެކްނިކްގައި ޤާއިމުކޮށްދެއްވައި، ވޮކޭޝަނަލް ތަމްރީންތަކުގެ ދިގު ތާރީޚެއް އޮތް ޕޮލިޓެކްނިކްގެ ދަށުން މިފަދަ ސްކޫލެއް ތަރައްޤީކުރެވި އޭގެ ފައިދާ މުޅި ޤައުމަށް ކުރާނެ ގޮތަކަށް މަސައްކަތްތައް ބައްޓަންކުރައްވާނެކަމަށް ޛޫޝާން ވިދާޅުވިއެވެ.

"މިހާރުވެސް 10 ކޯހަކަށް އަޅުގަނޑުމެން ހުޅުވާލީމަ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި 5 ކޯހަކަށް މިހާރުވެސް ކޯސް ފެށޭވަރަށް ދަރިވަރުން އެބަވޭ ކުރިމަތިލާފައި. އެޑިއުކޭޝަނުން އިތުރު ފުރުސަތުތަކެއް ދިނުމާއެކު ދެން ހުރި ކޯސްތަކަށްވެސް ވަނުމަށް ދަރިވަރުންނަށް ލިބުނު މިފުރުސަތުގެ ބޭނުންކުރާނެކަމަށް އުއްމީދުކުރަނީ." ޛޫޝާން ވިދާޅުވިއެވެ.

ވޮކޭޝަނަލް ހައި ސްކޫލްގެ ކިޔެވުން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ހެނދުނުގެ ދަންފަޅީގައެވެ. ސްކޫލަށް ބޭނުންވާ ޓީޗަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިސްކޫލްގައި ޚާއްސަ ޔުނިފޯމަކާއި، ޕްރިންސިޕަލަކުވެސް ހުންނާނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ. ހައި ސްކޫލްގެ މޮޑެލްއަށް ކިޔަވައިދޭ މިސްކޫލްގައި އެޗްއެސްސީގެ ދެމާއްދާ ކަމުގައިވާ އިސްލާމް ދިވެހި ކިޔަވައިދިނުމަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން ސްޓްރީމް މާއްދާތަކުގެ ގޮތުގައި އެކުއްޖަކު ޚިޔާރުކުރާ ސްޓްރީމެއްގެ އިތުރު މާއްދާއެއް އޮންނާނެއެވެ. ތިއަރީ ބައިތަކާއެކު ޕްރެކްޓިކަލް ބޮޑުބަޔަކަށް ބިނާވެފައި އޮންނަ މި ސްކޫލުން ދަސްވެނިވާ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުސަތާއި ވަޒީފާގެ ފުރުސަތުތައްވެސް ހޯދުމަށް ފަސޭހަވާނެކަން ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.