ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ)ގެ އޭޝިއާ ރީޖަންގެ ރިޔާސަތު ކުރިއަށް އޮތް 3 އަހަރުގެ ދައުރު ބަލަހައްޓާ ޤައުމަކަށް ދިވެހިރާއްޖެ އިންތިޚާބުކޮށްފިއެވެ. މި މަޤާމަށް ރާއްޖެ އިންތިޚާބުކޮށްފައިވަނީ ބާބަޑޯސްގައި ބޭއްވި ސީޕީއޭ އޭޝިއާ ރީޖަންގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައެވެ.
ދިވެހިރާއްޖޭގެ ފަރާތުން މި މަޤާމު އަދާކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަޙްމަދު ނާޡިމްއެވެ. އެމަނިކުފާނުގެ ދައުރު ނިމޭނީ 71 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ ކޮންފަރެންސްގައެވެ.
މި މަޤާމު ރާއްޖެއަށް ލިބިފައިވަނީ ސްރީލަންކާގެ ދައުރު ނިމުމާ ގުޅިގެންނެވެ. ސީޕީއޭގެ ހިންގާ ގަވާއިދުގެ ދަށުން މި ދައުރަށް ހަމަޖެހިފައި އޮތީ ބަންގްލަދޭޝްއެވެ. ނަމަވެސް، މިވަގުތު އެ ޤައުމުގައި އިންތިޚާބުކޮށްފައިވާ ޕާލިމެންޓެއް ނެތުމާއި، އެ މަޤާމު އަދާކުރުމަށް ބަންގްލަދޭޝަށް ހުރަސްތައް ކުރިމަތިވުމާ ގުޅިގެން، ދިވެހިރާއްޖެ އެދައުރަށް އިންތިޚާބުކުރީކަމަށް ރައްޔތިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ.
ދިވެހިރާއްޖެ މިމަގާމަށް އިންތިޚާބުވުމަކީ ކޮމަންވެލްތުގެ ޕާލިމެންޓަރީ މުޖުތަމަޢުގައި ރާއްޖެ އަދާކުރަމުންދާ ހަރުދަނާ ދައުރާއި، އޭޝިއާ ސަރަޙައްދުގައި ސީޕީއޭގެ މަޤްޞަދުތައް ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ ހަރުދަނާކަމުގެ އަލިގަދަ ހެއްކެކެވެ.
ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަނަކީ ކޮމަންވެލްތުގެ އެންމެ ހީވާގި، ހިންގުންތެރި އަދި ގިނަ ދުވަސްވީ ޖަމްޢިއްޔާތަކުގެ ތެރެއިން ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގައި 180 އަށްވުރެ ގިނަ ޕާލިމެންޓުތަކާއި ސަރަޙައްދީ ޤާނޫނު ހަދާ މަޖިލިސްތައް ހިމެނެއެވެ. ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަންގެ އޭޝިއާ ސަރަހައްދުގެ ދާއިމީ މަރުކަޒު ހުންނަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައެވެ.