އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމު ކޮއްގެން ބޭއްވި އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތް ވާދަވެރި ރޫހެއްގައި ނިންމާލާއިފިއެވެ.
މާލެ އާއި މާލޭ ކައިރާގަވާ ރަށްރުގެ ސްކޫލްތައް ބައިވެރިވި މުބާރާތުގެ އެއްވެސް ސްކޫލަކުން ޑޮމިނޭޓް ނުކުރެވުނު އިރު މުބާރާތުގެ އެއްވަނަ ހޯދި އުމުރުފުރާތުގެ ޗެމްޕިއަންކަން ހޯދީ އެކި ސްކޫލުތަކުންނެވެ.
25 ސްކޫލުން ބައިވެރި މުބާރާތުގެ 13 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ކަން ހޯދީ ވިލިމާލޭ މުހިއްދީން ސްކޫލެވެ. މި އުމުރުފުރާގެ އަންހެން ޗެމްޕިއަންކަން ހޯދީ ގިޔާސުއް އިންޓަނޭޝަނަލް ސްކޫލުންނެވެ.
މުބާރާތުގެ 15 އަހަރުންދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދީ ހުރަވީ ސްކޫލުންނެވެ. މި އުމުރުފުރާގެ އަންހެން ޗެމްޕިއަންކަން ހޯދީ އިސްކަންދަރު ސްކޫލުންނެނެވެ. 17 އަހަރުން ދަށުގެ އުމުރުފުރާގެ އަންހެން ޗެމްޕިއަންކަން ހޯދީ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުންނެވެ. މި އުމުރުފުރާގެ ފިރިހެން ޗެމްޕިއަން ކަން ހޯދީ ކަލާފާނު ސްކޫލުންނެވެ.
މުބާރާތުގެ އެންމެ ދޮށީ އުމުރުކަމުގަވާ 20 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ހޯދިއިރު އަންހެން ޗެމްޕިއަންކަން ހޯދީ ސެންޓަރ ފޯ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަންއެވެ.
މާފަންނު ކުޅިވަރު އެކުވެނި ސިންތަޓިކް ޓެރެކް ސަރަހައްދުގައި ހަފްތާއެއްހާ މުއްދަތުގައި ކުރިއަށްދިޔަ މުބާރާތުގައި 1000 އެތުލީޓުން ވަނީ ބައިވެރިވެފައެވެ. ޓްރެކް އަދި ފީލްޑް އިވެންޓްތަކާ އެކު މުބާރާތުގައި ވަނީ 110 އިވެންޓް ކުރިއަށް ގެންގޮސްފައެވެ.