ރައްޔިތުންގެ މަޖިލީހުގެ ހެދުން އެޅުމުގެ އުސޫލަށް ގެނައި އިސްލާހު އެ މަޖިލީހުން ފާސްކޮށްފިއެވެ. މި އިސްލާހު މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ.
މަޖިލީހުގެ ރައީސް މި މައްސަލަ ހުށަހެޅުއްވީ މި ހިނގާ 20ވަނަ މަޖިލީހުގެ ބައެއް މެންބަރުން ޖަލްސާތަކަށް ވަޑައިގަންނަވާއިރު ޓައި ނާޅުއްވާ ވަޑައިގަންނަވާތީއެވެ. އެގޮތުން، މަޖިލީހުގެ ގަވާއިދުގެ 61ވަނަ މާއްދާއަށް އިސްލާހު ގެނައުމަށް އެމަނިކުފާނު ހުށަހެޅުއްވިއެވެ.
މަޖިލީހުގެ ގަވާއިދަށް ހުށަހެޅުއްވި އިސްލާހުގެ ދަށުން އެކުލަވާލާފައިވާ އުސޫލުގައިވާގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި މެންބަރުން ތިބެންވާނީ ރަސްމީ ހެދުމެއްގައި ކަމަށް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، ރަސްމީ ހެދުމުގެ ތެރޭގައި ހިމެނެނީ ކޯޓު ފަޓުލޫނާއި ޓައި، ގަމީހާއި ޓައިއާއި ފަޓުލޫނު އަދި ޤައުމީ ހެދުން ނުވަތަ ސަގާފީ ހެދުން ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.
މި އިސްލާހުގައި މަޖިލީހުގައި ހެދުން ނޭޅޭނެ ގޮތްތައްވެސް ވަނީ ބަޔާންކުރައްވާފައެވެ.
މީގެ އިތުރުން މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އަމަލު ނުކުރާ މެންބަރުންނާ މެދު ފިޔަވަޅު އެޅޭނެ ކަމަށްވެސް ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުންނެވެ.