ކުޅިވަރު

ގައުމީ ޓީމުން މާދަމާ ނުކުންނާނީ ފަޚުރުވެރިކަމާއެކު "ފޯރީގައި ދަނޑަށް"


  • މި މެޗަކީ ގައުމީ ފަޚުރާ ގުޅިފައިވާ މެޗެއް

  • ސަޕޯޓަރުންގެ ތަރުހީބަކީ ކުޅުންތެރިންގެ ރޫހު

  • އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއަށް އޮވެވޭނީ މާދަމާގެ މެޗު ކާމިޔާބުކޮށްގެން

ގައުމީ ޓީމުން މާދަމާ "ފޯރީގައި ދަނޑަށް" ނުކުންނާނީ ފަޚުރުވެރިކަމާއެކު ދިވެހި ފުޓްބޯޅައިގެ ފޯރި އަލުން ގެނުވައި، ފަނޑުވަމުންދާ ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި އަލުން ގެނައުމުގެ އުއްމީދުގައި ކަމަށް ގައުމީ ޓީމުގެ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

މޯހަން ބުނީ މާދަމާގެ މެޗަކީ ގައުމީ ފަޚުރަށްޓަކައި ކުޅެވޭ މެޗެއްކަމަށާ މިއީ ދިވެހި ސަޕޯޓަރުންގެ އުންމީދުތަކާ ގުޅިފަވާ މުހިންމު މެޗެއްކަމަށެވެ. އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިހާތަނަށް އަދި ގައުމީ ޓީމަށް ޕޮއިންޓެއް ލިބިފަނުވާއިރު އެކަމާ ވިދިގެން ޓީމަށް ޕްރެޝަރުތަކެއް އަންނާނެކަމަށް މޯހަން ބުންޏެވެ. މޯހަން ބުނީ ރަށުން ބޭރުގައި ކުޅުނު މެޗުތަކުގެ ކުރިން އަމިއްލަ ގައުމުގައި މެޗެއް ކުޅެވި ޕޮއިންޓެއް ނަމަވެސް ލިބިފައިވީ ނަމަ ޓީމަށް އޮތް ޕްރެޝަރު ކުޑަވީސްކަމަށެވެ.

"ހަގީގަތުގަ ޕޮއިންޓެއް ނުލިބި އިނުމަކީ އަޅުގަނޑުމެންނަށްވެސް ޕްރެޝަރއަކަށްވާނެ ކަމެއް. ގްރޫޕުގެ އެންމެ ފަހަތުގަ އިނުމަކީ ހަމަ އިތުރަށް ކުޅުންތެރިންނަށް އަންނަ ޕްރެޝަރެއް. މިހުރިހާ ކަމެއްވެސް ހުންނާނެ. ދެން ތިން މެޗު ކުޅެން ޖެހުން އެއީ އެކި ގޮތްގޮތުން ބަދު ނަސީބުކަމެކޭ ދަންނަވާނީ. ހޯމް މެޗެއް ކުޅެ ނަތީޖާއެއް ލިބިފަ އޮތްނަމަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކުޅުންތެރިންނަށް ލިބިގެންދާނެ. ވަރަށް ބޮޑު އިތުބާރެއް ލިބިގެންދާނެ. އެހެންނަމަވެސް އެކަހަލަ އެއްވެސް ކަމެއް ނެތި މިހުންނަން ޖެހެނީ" މޯހަން ބުންޏެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ރާއްޖެ ހިމެނޭ ގްރޫޕުގެ އެއްވަނައިގައި އޮތް ތަޖިކިސްތާނަށްވެސް މާދަމާގެ މެޗަކީ މުހިންމު މެޗެއްކަމަށް މޯހަން ފާހަގަކުރިއެވެ. މިއީ ތަޖިކިސްތާނުން ފައިނަލް ބުރުގެ ޖާގަ ކަށަވަރުކުރުމަށް ނުކުންނާނެ މެޗެއްކަމަށްވުމުން އެޓީމަށް އޮތް ޕްރެޝަރުވެސް ކުޑަ ނުވާނެކަމަށް މޯހަން ބުންޏެވެ. އެހެންނަމަވެސް މާދަމާ އަމިއްލަ ދަނޑުގައި ތަޖިކިސްތާނާ ދެކޮޅަށް ރާއްޖެ ނުކުންނައިރު އެންމެ ކުޑަ މިނުން ސުން ކަނޑުވާލުމަށް ކުރެވޭ އުންމީދު ބޮޑުކަމަށް މޯހަން ބުނެފަވެއެވެ. ގައުމީ އޮތީ ތައްޔާރަށްކަމަށާއި ކުޅުންތެރިންނާމެދު ފުރިހަމައަށް އިތުބާރު އޮތްކަމަށްވެސް ގައުމީ ޓީމުގެ ކޯޗު ހާމަކޮށްފަވެއެވެ.

"ތަޖިކިސްތާނަށް މިމެޗަކީ އެމީހުން ފައިނަލް ރައުންޑަށް ދިއުމަށް ކޮންމެހެންވެސް މޮޅުވާންޖެހޭނެ މެޗެއް. އަޅުގަނޑުމެން އަޅުގަނޑުމެންގެ ޕްރައިޑަށްޓަކައި ކުޅޭނީ. އަޅުގަނޑުމެންގެ ސަޕޯޓަރުންނަށްޓަކައި ކުޅޭނީ ނަތީޖާއެއް ނެރެވޭތޯ. ދެން ގްރޫޕުން އެންމެ ފަހަތުން މައްޗަށް އެރޭތޯ ނޫނީ ޕޮއިންޓެއް ހޯދައިގެން ސުމެއް ކަނޑުވާލެވޭތޯ މިކުރަންޖެހޭ މަސައްކަތެއް ކުރާނީ. ކަންތައްތައް އިރާދަކުރެއްވިއްޔާ ދުއާއަކީ އަޅުގަނޑުމެން އެދޭގޮތަށް ގޮއްސިއްޔާ ރަނގަޅު ނަތީޖާއަކާއެކު މެޗު ނިންމާލުން" މޯހަން ބުނެފަވެއެވެ.

މި މެޗަށް މާދަމާ ރާއްޖެ ނުކުންނައިރު ރާއްޖެ އޮތީ ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި ޓޭބަލުގެ ފުލުގަ އެވެ. މި ގުރޫޕްގެ އެއްވަނާގައި އޮތީ ޖުމްލަ ހަތް ޕޮއިންޓާއެކު ތަޖިކިސްތާނެވެ. މި ގުރޫޕުގައި ދެވަނައިގަ އޮތް ފިލިޕީންސް އިން ވަނީ އެންމެ ފަހުން އީސްޓްޓިމޯއާއި ދެކޮޅަށް ކުޅުނު މެޗު 4-1 ލަނޑުން ކާމިޔާބުކޮށްފައެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއިން އަންނަ ނޮވެމްބަރުމަހުގެ 18 ވަނަ ދުވަހު ދެން ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި ފިލިޕީންސްއާއެވެ. މީގެ ކުރިން ރާއްޖެ ފިލިޕީންސްއާ ބައްދަލުކުރި މެޗު ނިމިފަވަނީ 4-1 ގެ ތަފާތަކުން ފިލިޕީންސް ޓީމުން މެޗު ކާމިޔާބުކޮށްގެންނެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ދެމި އޮންނަން ރާއްޖެއަށް އޮތް ހަމަ އެކަނި ފުރުސަތަކީ މާދަމާގެ މެޗު ކާމިޔާބު ކުރުމެވެ. އެންމެ ފަހުން ގަލޮޅު ދަނޑުގައި މި ދެޓީމުން ވާދަކޮށްވަނީ 2011 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގައެވެ. އެފަހަރު މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.