މިއަދު ރާއް ޖެއާއި ތަޖިކިސްތާން ބައްދަލުކުރާ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗަށް ވީއައިޕީ ދެ ޓިކެޓާއި، ގައުމީ ޓީމުގެ ކުޅުންތެރިން ސޮއިކޮށްފައިވާ ޚާއްސަ ޖާޒީއެއް ހޯދުމުގެ ފުރުސަތު ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ހުޅުވާލައިފިއެވެ.
ޔެސް ޓީވީން ލައިވްކުރުމަށް ހަމަޖެހިފައިވާ މި މެޗުގެ ކުރިން ބާއްވާ ޕްރީ ޝޯގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ދޫކޮށްލާ މި ޖޯޒީ ހޯދުމަށް މިހާރު ޕީއެސްއެމް އެއާރ މެދުވެރިކޮށް މެސެޖު ކުރެވޭނެއެވެ.
ވީއައިޕީ ދެ ޓިކެޓާއި ކުޅުންތެރިން ސޮއިކޮށްފައިވާ ޖާޒީ ހޯދުމަށް މިއަދު 3 ޖެހުމާއި ހަމައަށް ޕީއެސްއެމް އެއާރ އެޕްލިކޭޝަނަށް ވަދެގެން މެސެޖު ކުރެވޭނެއެވެ.
ގައުމީ ޓީމުގެ ޖާޒީއާއި މި ދެ ޓިކެޓު ލިބޭ ފަރާތެއް ހޮވާނީ ޕްރީ ޝޯވްގެ ތެރެއިންނެވެ. ގައުމީ ޓީމުގެ ކުޅުންތެރިންގެ އެދުމަކީ ވީހާވެސް ގިނަ ސަޕޯޓަރުން މިއަދު ގަލޮޅު ދަނޑަށް ވަދެ ޓީމަށް ސަޕޯޓުކޮށްދިނުމެވެ.
އަދި މިވަގުތު ޕޮއިންޓެއް ނުލިބި އޮތުމުގެ ސަބަބުން މި މެޗުން ޕޮއިންޓެއް ހޯދައިގެން ނޫނީ ދެން ރާއްޖެއަށް ކުރިޔަށް ދެވެން ނެތް އިރު ސަޕޯޓަރުންގެ ތަރްހީބަކީ ކުޅުންތެރިންނަށް ލިބޭ ބޮޑު ހިތްވަރެއް ކަމަށާއި ސުން ކަނޑުވާލުމަށް އިތުރަށް މަސައްކަތް ކުރުމަށް ލިބޭ ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ގައުމީ ޓީމުގެ ކުޅުންތެރިންނާއި ކޯޗުވެސް ވަނީ ފާހަގަކޮށްފައެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅޭ މި މެޗު ޕީއެސްއެމްގެ ޔޭސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.