ޚަބަރު

ށ. ފޭދޫގައި ހޭންޑް ބޯޅަ ކޯޓާއި ޓާފް ނިންމުމުގެ މަސައްކަތް ބަޔަކާއި ހަވާލުކުރާނަން


ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ށ. ފޭދޫގައި ހޭންޑް ބޯޅަ ކޯޓެއް އެޅުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށް އެކަން ފައްޓަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ފޭދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ހޭންޑް ބޯޅަ ކޯޓުގެ މަސައްކަތުގެ އިތުރުން މިހާރު އޮތް ފުޓްސަލް ދަނޑުގެ ޕިޗް ބަދަލުކޮށްދިނުމުގެ މަސައްކަތްވެސް މިއަހަރުގެ ތެރޭގައި ކުރިޔަަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

”ހަވާލުކޮށްދޭނަށް އެ ޓާފް ބަދަލުކުރުމުގެ މަސައްކަތާއި ދަނޑުގެ މިހާރު ނިންމަން އެބަހުރި ބައެއް މަސައްކަތް. އޭގެ އިތުރަށް ޓާފް ނިންމުމަށް ކުރަންހުރި މަސައްކަތްތަކުގެ އިތުރަށް ލައިޓް ޖެހުމާއި ރޮސްޓްރޮމްގެ މަސައްކަތް ހެދުމުގެ މަސައްކަތްވެސް މިއަހަރު އަޅުގަނޑުމެން ބަޔަކާއި ހަވާލުކުރާނަން“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަސައްކަތްތައް ކުރިޔަށް ގެންދަވާނެ ކަމަށާއި ކުޅިވަރުގެ ދާއިރާއިން މިއަދު ބިންގާ އެޅި ފިޓްނެސް ސެންޓަރުގެ އިތުރުން މިކަންކަން ފުރިހަމަ ކޮށްދެއްވާނެ ކަމަށެވެ.

ފިޓްނެސް ސެންޓަރު އެޅެން އޮތީ އެތަނުގައި ހުރި އިންޖީނުގެ އެހެންތަނަކަށް ބަދަލުކޮށްގެން ކަމަށާއި އެތަން ބަދަލުކުރުމަށް މިހާރު ފެނަކައިން ކޭބަލް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް ރައީސް ވިދާޅުވިއެވެ.