މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ބިންހިއްކައި އެއަރޕޯޓް ތަރައްޤީކޮށް އޮޕަރޭޓްކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލާ ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި، އެއްބަސްވުމުގައި ސޮއިކޮށް، އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ.
ކޮމަންޑޫ އެއަރޕޯޓު ތަރައްޤީކޮށް، އޮޕަރޭޓްކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރަތުން ސޮއިކުރެއްވީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު، މޫސާ ޒަމީރެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދެވެ.
އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ، މާލީ ކަންކަމާ ތަރައްޤީގެ ރޭވުންތެރިކަމާޞެހޭ ވަޒީރު މޫސާ ޒަމީރެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިލަދުންމަދުލު އުތުރުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫޢުތަކެއް އަންނަނީ އެކި ކުންފުނިތަކާ ހަވާލުކުރަމުންނެވެ.