މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލާ އެއަތޮޅު ގައްލައިދޫ ހަވާލުކޮށްފިއެވެ.
ކޮމަންޑޫ ކައުންސިލާ އެއަތޮޅު ގައްލައިދޫ ހަވާލުކޮށްފައިވަނީ، ކައުންސިލްތަކުގެ މާލީ ގާބިލުކަން އިތުރުކުރުމުގެ މަޤްސަދުގައި ފަޅުރަށެއް ކައުންސިލާ ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެދަށުން، ކޮމަންޑޫ ކައުންސިލުން ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލްއަކާ ގުޅިގެންނެވެ.
ގައްލައިދޫ، ކޮމަންޑޫ ކައުންސިލާ ހަވާލުކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮަމަންޑޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގައި ކޮމަންޑޫ ކައުންސިލާ ގައްލައިދޫ ހަވާލުކުރެއްވީ، ސިޓީތަކާއި، އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުއެވެ. ކޮަމަންޑޫ ކައުންސިލްގެ ފަރާތުން ހަވާލުވެލެއްވީ، ކޮމަންޑޫ ކައުންސިލުގެ ރައީސް މުޙައްމަދު ސިނާންއެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ބާރުވެރިކުރުވުމުގެ މަޤުޞަދުގައި އިޤުތިޞާދީ މަސައްކަތްތައްކުރުމަށް ކައުންސިލްތަކުގެ އިޚްތިޞާސުން ބޭރުން ފަޅުރަށް ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.