ތިން ރަށެއްގެ ކުނިމެނޭޖްކުރާ މަރުކަޒުތައް އަޕްގްރޭޑް ކުރެއްވުމުގެ މަސައްކަތާއި، 3 ރަށެއްގައި ކުނިމެނޭޖްކުރާ މަރުކަޒު ޤާއިމު ކުރެއްވުމުގެ މަސައްކަތް މިއަދު ކޮންޓްރެކްޓަރުންނާ ޙަވާލުކުރައްވައިފިއެވެ. މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވެވި މިރަސްމިޔާތުގައި މި މަސައްކަތްތަކުގެ އިތުރަށް ށ. އަތޮޅު 5 ރަށެއްގެ ކުނިކޮށްޓަށް ބޭނުންވާ ޑަސްބިނާއި ކާދު ހެދުމަށް ބޭނުންވާ އާލަތްތައް، ރާއްޖެ އެތެރެކޮށް އެރަށްރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ވަނީ ކޮންޓްރެކްޓަރަކާ ޙަވާލުކުރައްވާފައެވެ.
ރާއްޖެއަށް ދިވާމެފައިވާ ކުނީގެ މައްސަލައަށް ޙައްލެއް ހޯދަވައިދެއްވުމުގެ ގޮތުން ސަރުކާރުން ގެންދަނީ އެއްފަހަރާ ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ކުރައްވަމުންނެވެ. ކުނީގެ މައްސަލައަށް ޙައްލު ހޯދަވައިދެއްވުމުގެ ގޮތުން ސަރުކާރުން ކުރިޔަށް ގެންދަވާ ޕްރޮޖްކްޓްތަކުގެ ތެރޭގައި ރަށްރަށުގައި ކުނިކޮށި ޤާއިމު ކޮށްދިނުމާއި، އެތަންތަނަށް ބޭނުންވާ އެހެނިހެން ވަޞީލަތްތައް ފޯރުކޮށްދެއްވުން ހިމެނެއެވެ. އެގޮތުން ށ. އަތޮޅުގެ 5 ރަށެއްގެ ކުނިކޮށްޓަށް ބޭނުންވާ ޑަސްބިނާއި ކާދު ހެދުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެ އެތެރެކޮށް ފޯރުކޮށްދެއްވުމަށްޓަކައި ބަޔަކާ ވަނީ ޙަވާލުކުރައްވާފައެވެ. ށ އަތޮޅުން ދަސްބިން ލިބި ޙަވާލުކޮށްފައިވާ ރަށްތަކަކީ މިލަންދޫ، ކޮމަންޑޫ، މާއުނގޫދޫއާއި މަރޮށީގެ އިތުރުން އެއަތޮޅު ގޮއިދޫއެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 730،000 އަށް ވުރެ ގިނަ ރުފިޔާ ޙަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. img:http://s4.psmnews.mv/images/660x400/14717737309133.jpg|ރ. އަލިފުށީގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތުގައި ވެމްކޯއިން ހަރަކާތްތެރިވަނީ - ފޮޓޯ: ވެމްކޯ
ކުނިމެނޭޖް ކުރާ ސެންޓަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ނ ކެނދިކުޅުދޫއާއި ރ އަލިފުއްޓާއި ބ ފުޅަދޫ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައަކަތް ވަނީ ބަޔަކާއި ހަވާލުކޮށްފައެވެ. އެގޮތުން ނ ކެނދިކުޅުދޫގެ ސެންޓަރ ޙަވާލުކޮށްފައިވަނީ 736،000 އަށް ވުރެ ގިނަ ރުފިޔާއަށް ނިއު ހިޔާ އިންވެސްޓްމަންޓަށެވެ. ރ އަލިފުށީ ކުނިމެނޭޖްކުރާ މަރުކަޒު ޙަވާލުކުރީ 982،000 އަށްވުރެ ގިނަ ރުފިޔާއަށް ބްރޯހުޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށެވެ. އަދި ބ ފުޅަދޫ ކުނިމެނޭޖްކުރާ މަރުކަޒު ޙަވާލުކޮށްފައިވަނީ 648،000 އަށް ވުރެ ގިނަ ރުފިޔާއަށް ތަ ޝީޝާ ޕްރައިވެޓް ލިމިޓެޑަށެވެ. img:http://s3.psmnews.mv/images/660x400/14717737666999.jpg|ރ. އަލިފުށީގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތުގައި ވެމްކޯއިން ހަރަކާތްތެރިވަނީ - ފޮޓޯ: ވެމްކޯ
މީގެ އިތުރުން ރ އަތޮޅު ފައިނު ކުނި މެނޭޖް ކުރާ މަރުކަޒު ޤާއިމުކުރުމަށް 829،000 އަށް ވުރެ ގިނަ ރުފިޔާއަށް ތަ ޝީޝާ ޕްރައިވެޓް ލިމިޓެޑަށެވެ. ބ ގޮއިދޫ ކުނިމެނޭޖް ކުރުމުގެ މަރުކަޒު ޤާއިމު ކުރުމުގެ މަސައްކަތް 862،000 ރުފިޔާއަށް ޙަވާލުކޮށްފައިވަނީ ބްރަދަރސް މޯލް އިންވެސްޓްމަންޓަށެވެ. އަދި ގދ ގައްދޫ ގައި ކުނިމެނޭޖް ކުރާ މަރުކަޒު ޤާއިމު ކުރުމަށް 765،000 އަށް ވުރެ ގިނަ ރުފިޔާއަށް ޙަވާލުކޮށްފައިވަނީ ތަޝީޝާ ޕްރައިވެޓް ލިމިޑެޓަޑަށެވެ. މި ޕްރޮޖެޓްތައް ކޮންޓްރެކްޓަރުންނާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މީޑިއާއި ވާހަކަދައްވަމުން އެންވަޔަރަކަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ މިއަހަރު ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ދަށުން ކުނިކޮށި އެޅުމުގެ މަޝްރޫޢުގައި ހިމެނިފައިވާ ރަށްރަށުގެ ތެރެއިން 8 ރަށެއްގެ މަސައްކަތް މިހާރު ކޮންޓްރެކްޓަރުންނާ ޙަވާލު ކުރައްވާފައިވާ ކަމަށެވެ. އަދި ޙަވާލުނުކުރެވިވާ ރަށުގެ މަސައްކަތްވެސް ބަޔަކާ ޙަވާލުކުރެއްވުމުގެ މަސައްކަތް މިހާރު ކުރައްވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ އެހީ އާއެކުވެސް ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތް ކުރިޔަށް ދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. img:http://s2.psmnews.mv/images/660x400/14717737843164.jpg|ރ. އަލިފުށީގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތުގައި ވެމްކޯއިން ހަރަކާތްތެރިވަނީ - ފޮޓޯ: ވެމްކޯ
"ބޭރުގެ އެހީގެދަށުންވެސް ގިނަ ރަށްތަކެއްގެ މަސައްކަތްވެސް ކުރިޔަށް އެބަދޭ. ރ، ބ، ޅ، އަދި ނ. (އަތޮޅު) ގެ ރަށްތައްވެސް މީގެތެރޭ ހިމެނޭ. ލ. އަތޮޅު ހުރިހާ ރަށެއްގެ އައިލެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް އެޅިގެންދާނެ. އެއީ ބަޖެޓްގެ ބޭރުން ކުރިޔަށްދާ މަސައްކަތްތައް. އިންސިނެރޭޓަރ ގެނެސް ހަރުކުރުމުގެ މަސައްކަތްތައްވެސް ކުރިޔަށްދޭ." މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވިއެވެ.
ކުނިކޮށި ހަދާ ނިމުމުން ސަރުކާރުން އަތްދޫކޮށްލައްވައިގެން ނުތިއްބަވާނެ ކަމަށާއި އެތަންތަނަށް ބޭނުންވާ ވަޞީލަތްތައްވެސް ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއަހަރު 13 ރަށެއްގެ ޑަސްބިނާއި ކުނިމެނޭޖްކުރާ ސަރަޙައްދަށް ބޭނުންވާ ކުނި ކޮންޕޯސްޓް ކުރުމާއި ކާދުހެދުމަށް ބޭނުންވާ ވަޞީލަތްތައްވެސް ސަރުކާރުގެ ބަޖެޓްގައި ހިމަނުއްވައިގެން ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.