ޚަބަރު

ބޭނުންވަނީ ކާނާގެ ޔަޤީންކަން ކަށަވަރު ކުރެވޭ ވަރަށް ދަނޑުވެރިކަން ފުޅާކުރަން: ރައީސް


  • ދަނޑުވެރިންގެ ދުވަހުގެ ތަހުނިޔާ ސިނާއަތް ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކަށް ރައީސް ފޮނުއްވި

  • ދިވެހި ބިންތަކަކީ މުޑުވައްކުރަން ރަނގަޅު ބިންތަކެއްކަން ކާބަފައިން ސާބިތުކޮށްދީފައިވާކަމަށް ވިދާޅުވި

ކާނާގެ ޔަޤީންކަން ކަށަވަރު ކުރެވޭ ވަރަށް ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުމަކީ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ރާއްޖޭގައި ފާހަގަކުރާ ދަނޑުވެރީންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވަނީ ދަނޑުވެރިންގެ ދުވަހުގެ ހެޔޮ އެދުންތައް މި ސިނާޢަތް ފުޅާކޮށް ކުރިއަރުވަން މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ދަންނަވާފައެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދިވެހި ބިންތަކަކީ ފައިދާހުރި މޭވާއާއި، ތަރުކާރީ އަދި ގޮވާމާއި ފަލަމަޑި ލިބޭ، މުޑުވައްކުރަން ރަނގަޅު ބިންތަކެއްކަން ކާބަފައިން ސާބިތުކޮށްދީފައިވާކަމަށެވެ. އަދި ރާއްޖޭގައި ޤައުމަށް ފުދޭވަރަށް، ކާނާގެ ޔަޤީންކަން ޤާއިމު ކުރެވޭ ވަރަށް، ދަނޑުވެރިކަން ފުޅާކުރުމަކީ އެމަނިކުފާނުގެ އުއްމީދެއްކަމަށް ރައީސް ވިދާޅުވިއެވެ.


އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދަނޑުވެރީންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރު ގުޅުވާލާފައިވަނީ ރަނގަޅު ކާނާއާއި ފަހި ކުރިމަގަކަށް އެންމެން އަތުގުޅާލުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ދަނޑުވެރިކަމަކީ ވަކި ސިނާޢަތެއްގެ ގޮތުގައި ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ސިޔާސަތެކެވެ. އެގޮތުން ދަނޑުވެރިކަމުގެ ކަންކަމަށް ވަކި ޚާއްސަ ވުޒާރާއެއް އުފައްދަވާ، ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނާއި، އާލާތްތަކާއި، އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. މީގެ އިތުރުން، ދަނޑުވެރިކަމުގެ އުފެއްދުންތައް މާކެޓްކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމަށްވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ނިސްބަތް މަދުކޮށް ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށްޓަކައި އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ ބޮޑު މަޝްރޫޢެއް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޢިއުލާންކުރައްވާފައެވެ. މި މަޝްރޫޢާއެކު ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ނިސްބަތް މަދުކުރެވި އެކަމަށް ކުރާ ހޭދަ ކުޑަކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ހަމައެއާއެކު ކާނާގެ ޔަޤީންކަން ކަށަވަރުކުރެވި ޞިއްޙީގޮތުން ޔަޤީންކަން އޮތް ކާނާގެ ބާވަތްތައް ލިބޭނެ މަގުފަހިވެގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.