ށ. މިލަންދޫ އެއަރޕޯޓުގެ މަސައްކަތް ކުރިއަށްއޮތް 30 މަސް ދުވަހުގެ ތެރޭގައި ނިންމާ ހުޅުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިލަންދޫ އެއަރޕޯޓަކީ ހުރިހާ މާނައެއްގައިވެސް މިލަދުންމަޑުލު އުތުރުބުރިއަށް ތަރައްޤީ ގެނުވާނެ މުހިންމު މަޝްރޫޢެއް ކަމަށެވެ.
ށ. މިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިލަންދުއަށް އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދުފުޅަކީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުކަމަށެވެ. އަދި މިއީ މިލަންދޫގެ އިތުރުން މުޅި މި އަތޮޅަށްވެސް ހުރިހާ މާނައެއްގައި ތަރައްޤީގެނެސްދޭނެ އުއްމީދީ މަޝްރޫޢެއްކަމުން މި މަޝްރޫޢަށް ޚާއްސަ އިސްކަމެއްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިލަންދޫ އެއަރޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާއި ޙަވާލުކޮށްފައިވަނީ، އެއަރޕޯޓު އަޅާނެ ތަނާއި، މެދުރާސްތާއާއި ދުރުރާސްތާއަށްވެސް ވިސްނައި ރަށުގެ ބިން އެންމެ ހެޔޮގޮތުގައި ބޭނުންހިފޭނެގޮތަށް ބެލިގެންކަމަށެވެ. އަދި އެއަރޕޯޓު އެޅުމަށްޓަކާ ރަށުގައި މިހާރު ބޭނުންކުރާ ބަނދަރު އެހެން ސަރަހައްދަކަށް ބަދަލުކުރަންޖެހޭތީ، އެއަރޕޯޓު މަޝްރޫޢު ޑިޒައިންކޮށް ކުރިއަށްގެންދާނީ އެކަމަށް ބޭނުންވާ އިންތިޒާމްތައްވެސް ހަމަޖެހޭނެހެންކަމަށް ރައީސް ވިދާޅުވިއެވެ.
މިލަންދޫގައި އެއަރޕޯޓު ތަރައްޤީކުރުމަށް ނިންމާފައިވަނީ ރަށަށް އިތުރު 40 ހެކްޓަރުގެ ބިން އިތުރުކޮށްގެންނެވެ. އެގޮތުން މި 40 ހެކްޓަރު ހިއްކުމުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމާ، މުޅި އެއަރޕޯޓުގެ މަޝްރޫޢު ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިންމައި ހުޅުވާނެކަމަށް ރައީސް ވިދާޅުވިއެވެ.
"އެމްއޭސީއެލްއާއެކީގައި މި ސޮއިކުރެވުނު އެއްބަސްވުމުގެ ތެރޭގައި އެއަރޕޯޓު އެޅުމުގެ ގޮތުން ކުރަންޖެހޭ ހުރިހާކަމެއް ހިމެނިފައި އޮންނާނީ. މިއަދު މި ފެށި މަޝްރޫޢަކީ 40 ހެކްޓަރުގެ ބިން ހިއްކުމާއި އަޕްގްރޭޑްކުރެވިގެން އައު ބަނދަރެއް ހެދިގެން ދިއުމާއި މި ހުރިހާކަމެއް ހިމެނޭގޮތަށް މި މަޝްރޫޢު މި ޙަވާލުކުރެވުނީ. ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދުން ފެށިގެން އެންމެ ގިނަވެގެންވެސް 8 މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ. މިއަދުން ފެށިގެން 30 މަސް ދުވަހުގެ ތެރޭގައި މާނައަކީ ދެ އަހަރާއި ބައި އެންމެ ގިނަވެގެން، މި ދެންނެވީ ބަނދަރު ބަދަލުކުރުމާއި އައު ބަނދަރެއް ހެދުންވެސް ހިމެނޭގޮތަށް މިރަށުގެ އެއަރޕޯޓު ހަދައި އިރާދަކުރެއްވިއްޔާ ނިންމާ ހުޅުވާނަން." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ މިލަންދޫ އެއަރޕޯޓުގެ މަޝްރޫޢު ހުރިހާކަމެއް ތަރުތީބުން ކުރިއަށްދާނެކަމަށާއި، އެއްވެސް މަޑުޖެހުމެއްނެތި ވަރަށް ހަލުވިދުވެލީގައި ކުރިއަށްދާނެކަމުގެ ޔަޤީންކަން މިލަންދޫގެ ރައްޔިތުންނަށް ދެއްވާފައެވެ. އެއަރޕޯޓުގެ އިތުރުންވެސް މިލަންދޫގެ ތަރައްޤީއަށް އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ފެށިގެންދިޔަ މުހިންމު މަޝްރޫޢުތަކާއި އަދިވެސް ކުރިއަށްހުރި މުހިންމު މަޝްރޫޢުތައް ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން 700 މީހުންގެ ޖާގައިގެ ޒަމާނީ އިސްލާމީ މަރުކަޒަކާއި، 30 އެނދުގެ ހޮސްޕިޓަލު ތަރައްޤީކުރުމާއި، 4 ބުރީގެ އިމާރާތެއް ހިމެނޭ ފުލުހުންގެ މަރުކަޒެއް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޕާސްޕޯޓުގެ ޚިދުމަތް ދޭން ފެށުމާއި، އަލަށް ހުޅުވުނު ކުޅިވަރު ވަސީލަތްތަކަކީވެސް ރަށުގެ ތަރައްޤީއަށް ކުރިއަށްއެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރަށުގެ ޒުވާނުންނަށް ކުޅިވަރުގެ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކާ އެރަށުގައި 1200 މީހުންގެ ޖާގައިގެ އިންޑޯ ކުޅިވަރުތަކަށް ޚާއްސަ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމާއި، ހޭންޑް ބޯލް ކޯޓެއް އެޅުމަށް ކައުންސިލުން ކުރާ މަސައްކަތަށްވެސް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެރަށުގައި ސަރުކާރުން ފެށުމަށް ހަމަޖެހިފައިވާ 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމާއި ދެންހުރި މަޝްރޫޢުތައްވެސް ފުރިހަމަ އިސްކަމެއްދީގެން ރައްޔިތުންނަށް ނިންމައިދޭނެކަމުގެ ޔަޤީންކަން އެރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.