އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު އަނެއްކާ ވެސް ވަރުގަދަ ޙަމަލާތަކެއް ބަދަލުކޮށްފިއެވެ. އަފްޣާނިސްތާނުގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ޠާލިބާނުން ބުނީ، ޕާކިސްތާނުގެ ފައުޖުތަކުން އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި ޢާންމުންގެ 12 މީހުން މަރުވި ކަމުގައެވެ. މިއާ އެކު، އަފްޣާނިސްތާނާއި ޕާކިސްތާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި މަސްރަޙު އަނެއްކާ ވެސް މި ވަނީ ހޫނުވެފައެވެ.
ދެ ފަރާތުގެ ދެމެދުގައި މަައްސަލައެއް އުފެދިފައި މި ވަނީ، ޕާކިސްތާނުގެ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ނިސްބަތްވާ މީހުންނަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް ޕާކިސްތާން ސަރުކާރުން ޠާލިބާނުންގެ ސަރުކާރަށް ގޮވައިލުމާ ގުޅިގެންނެވެ. ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި، އެ ޤައުމުގައި ނިރުބަވެރި އަމަލުތައް ހިންގާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެންބަރުންނަށް ޠާލިބާން ސަރުކާރުން ދަނީ ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެމުންނެވެ. ނަމަވެސް، ޠާލިބާނުންގެ ސަރުކާރުން މި ތުހުމަތުތައް ދޮގު ކުރެއެވެ.
ޠާލިބާނުންގެ ތަރުޖަމާނު ޛަބީޙުالله މުޖާހިދު ބުނީ ޕާކިސްތާންގެ ފައުޖުން އޮކްޓޫބަރު 15ވަނަ ދުވަހުގެ ހެނދުނުގެ ވަގުތުގައި ވަރުގަދަ ޙަމަލާތަކެއް ދީފައިވާ ކަމުގައެވެ. އަދި، އެ ޙަމަލާތަކުގައި ޢާންމުންގެ 12 މީހުން މަރުވެފައިވާ ކަމަށާއި، އިތުރު 100އެއްހާ މީހުން ޒަޚަމުވެފައިވާ ކަމުގައެވެ. ޠާލިބާނުންގެ ފައުޖުތަކުން ވަނީ ރައްދުގައި ވެސް ޙަމަލާތަކެއް ދީފައެވެ.
ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޙަމަލާތަކުގައި ޕާކިސްތާން ސިފައިން "ގިނަ އަދަދެއްގެ ބަޔަކު" މަރައިލާފައިވާ ކަމުގައި ޠާލިބާނުން ބުންޏެވެ. މީގެ އިތުރުން، ޕާކިސްތާންގެ އަސްކަރީ ޕޯސްޓުތަކަށް ދީފައިވާ ޙަމަލާތަކުގައި އޭގެ ތެރެއިން ބައެއް ޕޯސްޓުތައް ޠާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާނެ ކަމަށާއި، ޕާކިސްތާން ސިފައިންގެ ހަތިޔާރުތަކާއި އަސްކަރީ ޓޭންކުފަހަރު ޠާލިބާނުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާނެ ކަމުގައި ވެސް އެ ޖަމާޢަތުން ބުންޏެވެ.
ޠާލިބާނުންގެ ތުހުމަތުތައް ދޮގުކޮށް، ޕާކިސްތާނުން ބުނީ އިސްވެ ޙަމަލާ ދީފައި ވަނީ ޠާލިބާން ހަނގުރާމަވެރިން ކަމުގައެވެ. ޕާކިސްތާންގެ ޗަމަން ސަރަޙައްދުގެ އިދާރީ ވެރިޔާ ޙަބީބުالله ބަންގޫލްޛާއީ ވިދާޅުވީ ޠާލިބާނުންގެ ޙަމަލާތަކުގައި ޢާންމުންގެ ހަތަރު މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. "ޗަމަން ސަރަޙައްދުގައި ހުރި ޕާކިސްތާނުގެ [އަސްކަރީ] ޕޯސްޓަށް ޙަމަލާ ދީފައި ވަނީ ޠާލިބާނުންގެ ފައުޖުން،" އޭނާ ވިދާޅުވިއެވެ. ދެ ފަރާތުގެ ދެމެދުގައި ފަސް ގަޑިއިރުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން ކުރިއަށް ދިޔަ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު 2,600 ކިލޯމީޓަރުގެ ސަރަޙައްދީ ރޮނގެއް ހިއްސާ ކުރެއެވެ. ދެ ފަރާތުގެ ދެމެދުގައި ދޭތެރެދޭތެރެއިން ދަނީ ޙަމަލާ ބަދަލު ކުރަމުންނެވެ. ނަމަވެސް، މިއީ 2021ވަނަ އަހަރު ޠާލިބާނުން އަފްޣާނިސްތާނުގެ ވެރިކަން ފޭރިގަތް ފަހުން ދެ ޤައުމުގެ ދެމެދުގައި ބަދަލު ކުރާ އެންމެ ވަރުގަދަ ޙަމަލާތަކެވެ. މި ހަމަނުޖެހުންގަނޑާ އެކު ދެ ޤައުމުން ވަނީ ބައެއް ސަރަޙައްދީ ހުރަސްތައް ވެސް ބަންދު ކޮށްފައެވެ. މިއާ އެކު، ދެ ޤައުމުގެ ދެމެދުގައި ކުރާ ވިޔަފާރިއަށް ވެސް ވަނީ ހުރަސް އެޅިފައެވެ.
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފެށުމާ އެކު ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޗައިނާއިން ވަނީ، ދެ ޤައުމުގައި ތިބި ޗައިނާގެ ރައްޔިތުންނާއި ވުނޭރު ކޮށްފައިވާ މުދަލާއި އުމްރާނީ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އިލްތިމާސް ކޮށްފައެވެ. ރަޝިޔާއިން ވެސް ވަނީ ޙަމަލާ ބަދަލު ކުރުން ހުއްޓައިލައި، ހަމަޖެހުމަށް އިސްކަން ދިނުމަށް ގޮވައިލާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓުވުމުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމުގައެވެ.