އައްޑޫސިޓީ ކައުންސިލް އެކުލެވިފައިވާގޮތާ ގުޅޭގޮތުން އެ އަތޮޅުގެ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ވޯޓުގައި ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން އައްޑޫ ފޭދޫ އާއި ހުޅުދޫ އާއި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ކަނޑައެޅުއްވުމުން މި މަހުގެ 25ވަނަ ދުވަހު އެ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އެހެންވެ ވޯޓުލުމުގެ ޙައްގު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރީ އޮތްތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާނަމަ އެ ފުރުސަތު މިހާރު އެ ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި ފުރުސަތު ހުޅުވާލާފައިވަނީ މާދަމާ ހަވީރު 6:00އާ ހަމައަށް ކަމަށެވެ.
އެ ކޮމިޝަނުން ވިދާޅުވިގޮތުގައި ވޯޓުލުމުގެ ޙައްގު ލިބިފައިވާ ފަރާތްތައް މިހާރު ރަޖިސްޓްރީވެފައިވާނީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް އެ ފަރާތެއް ރަޖިސްޓްރީކުރި ތަނެއްގައި ކަމަށެވެ. ހުޅުމާލެ އާއި ވިލިމާލޭގައި ރަޖިސްޓްރީކުރި ފަރާތްތައް މާލެއަށް ރަޖިސްޓްރީ ކުރެވިފައިވާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި މާލެ، ހުޅުމާލެ، ވިލިމާލެ، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ފިޔަވައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް، އެފަރާތެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައިވާނެ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.
ވޯޓުލާން ރަޖިސްޓަރީކުރެވިފައިވާ ތަން ޗެކްކުރުމަށްފަހު ވޯޓުލާންބޭނުންވާ ތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރެއްވިއެވެ.
އައްޑު އަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން ކުރިއަށްދާނީ މި މަހުގެ 25 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.