ޕޭޕަލްގެ ޚިދުމަތް ދިނުމަށް ބޭނުންވާ އިންވާޑް ރެމިޓެންސް ހުއްދަ އުރީދޫގެ ދަށުން ހިންގާ ޓެކްފިން މޯލްޑިވްސްއަށް ދޫކޮށްފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލައިސެންސް އުރީދޫއާއި ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރުއެވެ. މި ލައިސެންސްއާ ރަސްމީކޮށް ހަވާލުވީ އުރީދޫ ފިންޓެކް މޯލްޑިވްސްގެ ބޯޑު މެމްބަރު އަދި އުރީދޫ މޯލްޑިވްސްގެ ޗެއާމަން ފާތިމާ އަލް ކުވާރީއެވެ.
މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީއާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއެމްއޭއިން ވިދާޅުވީ މި ހުއްދައާއެކު އެމްފައިސާ ވޮލެޓަށް ޕޭޕަލް ފަދަ ވަސީލަތްތަކުން ފައިސާ ގެނައުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތަކާއި ޓެސްޓިންގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މިއާއެކު، ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސްގެ ދަށުން އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތާއި އިންވާޑް އަދި އައުޓްވާޑް ރެމިޓަންސްގެ ޚިދުމަތް ދެމުން ގެންދާނެކަމަށްވެސް އެމްއެމްއޭއިން ވިދާޅުވިއެވެ.
އުރީދޫގެ އެމްފައިސާ ވޮލެޓަށް ބޭރު ޤައުމުތަކުން ފައިސާ ޖަމާ ކުރުމަށް އެމްއެމްއޭގެ ހުއްދަ ލިބިގެން ދިޔައިރު، ޕޭޕަލް މެދުވެރިކޮށް އެމްފައިސާ ވޮލެޓަށް ފައިސާ ޖަމާ ކުރެވޭ ގޮތް ހެދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި އެ ހިދުމަތް އަންނަ އަހަރު ފަށާނެކަމަށްވެސް އުރީދޫއިން ވަނީ އިއުލާންކޮށްފައެވެ. މީގެ ސަބަބުން އަމިއްލަ ފަރުދުން، ޚާއްސަކޮށް ފްރީލާންސަރުންނާއި ކުދި ވިޔަފާރިވެރިންނާއި، އާމްދަނީ އާއި އެހީއަށް ބައިނަލްއަގުވާމީ މުއާމަލާތްތަކަށް ބަރޯސާވާ އާއިލާތަކަށް ޕޭޕާލް މެދުވެރިކޮށް ފައިސާ ފޮނުވޭނެކަމަށް އުރީދޫން ބުނެއެވެ.
Ooredoo Fintech has officially received an Inward Remittance License from the @MMA_Maldives
— Ooredoo Maldives (@OoredooMaldives) October 15, 2025
The license marks a major milestone in Ooredoo Fintech journey to expand its fintech offerings, enabling seamless, secure, and convenient cross-border money transfers directly to mFaisaa… pic.twitter.com/rzxHtbAZPk
އުރީދޫގެ މޯލްޑިވްސް ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ މި ލައިސަންސްގެ ސަބަބުން އުރީދޫއިން ޑިޖިޓަލް އިގްތިސާދެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާ ކަމަށެވެ. އެމްފައިސާގެ ހިދުމަތްތަކުގެ ތެރޭގައި ބިލް ދެއްކުމާއި، މާޗަންޓް ކިއުއާރު ޓްރާންސެކްޝަންތަކާއި، ޑޮމެސްޓިކް ޓްރާންސްފަރގެ ހިމެނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އިންޓަނޭޝަނަލް ރެމިޓެންސް ޚިދުމަތް އިތުރުވެގެން ދިއުމާއެކު ޑިޖިޓަލް އަދި ގުޅިފައިވާ ރާއްޖެއަށް ބިނާކުރުމަށް އެކުންފުނިން ކުރާ މަސައްކަތް އިތުރަށް ފުޅާވެގެން ދާނެކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫގެ އެމްފައިސާ ވޮލެޓާއި ޕޭޕަލް ގުޅުވާލާއި، ޕޭޕާލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފް ކުރުމުގެ ޢަމަލީ މަސައްކަތްތައް ފަށާފައިވާއިރު މި ޚިދުމަތް ރާއްޖެއަށް ތަޢާރަފް ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އައި މަސައްކަތެކެވެ.
ރާއްޖެއަށް ޒަމާނީ އޮންލައިން ޕޭމެންޓް ސިސްޓަމްތަކާއި، އީވޮލެޓް ތާޢަރްފްކޮށް ފަސޭހަކަމާއެކު މާލީ މުޢާމަލާތް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.