މުދާ ބަރުކޮށްގެން، 5 މީހުންނާއެކު މާލެއިން ފުރައިގެން ދަތުރު ކުރަމުންދިޔަ "ނަޞްރު ބޯޓު" ދިޔަވެ އަޑިއަށްގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ބޯޓު ދިޔަވެގެން އަޑިއަށްގޮސްފައިވާކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 13:22 ހާއިރުކަމަށެވެ. އަދި މި ބޯޓު އަޑިއަށްގޮސްފައިވަނީ ކ. ކާށިދޫ އާއި ޅ. އަތޮޅާ ދެމެދުގެ ސަރަހައްދަކަށް ކަމަށެވެ.
ނަޞްރު ބޯޓުގައި ތިބި މީހުން ކޯސްޓް ގާޑުން ސަލާމަތް ކޮށްފައިވާކަމަށާއި، ބޯޓުން ދަތުރުކޮށްފައިވަނީ 2 ދިވެހިންނާއި 3 ބިދޭސީން ކަަމަށް ފުލުހުން ވިދާޅުވިއެވެ.
މި ބޯޓުން ދަތުރުކުރި ފަސް ފަޅުވެރިން މިހާރު ވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ޅ. ނައިފަރަށް ގެންގޮސްދީފައެވެ.
ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން ބޯޓުގައި ހުރި މުދަލާއި އެހެނިހެން ތަކެތި އޮޔާ ދާނެތީ، މި ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް މިކަމަށް ސަމާލުވުމަށް ފުލުހުން ވިދާޅުވިއެވެ.
މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމުން ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ.