ޔަމަނުގެ ޙޫޘީ ލަޝްކަރުގެ ޗީފް އޮފް ސްޓާފް، މުޙައްމަދު ޢަބްދުލް ކަރީމް އަލް ޣަމާރީ ޝަހީދުވެފައިވާ ކަމަށް އިޢުލާނުކޮށްފިއެވެ.
ޣަމާރީއަކީ ޙޫޘީންގެ އަސްކަރީ ޙަރަކާތްތައް ހިންގާ “ޖިހާދު އޮފީހުގެ” މެންބަރެކެވެ. ޙޫޘީން ބުނީ އޭނާ ޝަހީދުވެފައި ވަނީ ރަސްމީ ޒިންމާ އަދާ ކުރައްވަމުން ދަނިކޮށް ކަމަށެވެ. އޭނާ ޝަހީދެވެފައި ވަނީ ޔަހޫދީންގެ ސަބަބުން ކަމަށް ސީދާ ނުބުނެ ޙޫޘީ ސަރުކާރުން ބުނީ ޙޫޘީންނާއި ޔަހޫދީންނާމެދު އޮތް ނުތަނަވަސްކަން ނިމުމަކަށް ނާންނަ ކަމަށާއި، ޔަހޫދީން ހިންގަމުންދާ ޖަރީމާތަކުގެ ހަައްޤު ޢަދަބު ލިބޭނެ ކަމަށެވެ.
ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ދޭން ފެށި ލާއިންސާނީ ޢުދުވާނީ ޙަމަލާތަކާ ގުޅިގެން އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޙޫޘީން ވަނީ ޣައްޒާގެ ރައްޔިތުންނާއެކު ވާ ކަމަށް ބުނެ ޔަހޫދީންނާ ދެކޮޅަށް ޙަމަލާތައް ދޭން ފަށައިފައެވެ. އެ ގޮތުން ރަތްކަނޑުގައި ދަތުރުކުރާ ޔަހޫދީންނާ ގުޅުންހުރި އާގުބޯޓު ފަހަރަށް ޙޫޘީން ގިނަ ޙަމަލާތަކެއް ދީފައިވެއެވެ. އެ ޙަމަލާތަކުގައި ހަތަރު ބޯޓު ފައްތާލާފައިވެއެވެ. އެ ޙަމަލާތަކާ ގުޅިގެން ޔަހޫދީން ވެސް ދިޔައީ ޙޫޘީންނަށް އަމާޒުކޮށް ޙަމަލާތައް ދެމުންނެވެ.
މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ޔަހޫދީން ވަނީ ޙޫޘީންގެ ޗީފް އޮފް ސްޓާްފްއާއި ދިފާޢީ ވަޒީރާއި ސަރުކާރުގެ އިސްވެރިންނަށް އަމާޒުކޮށް ޔަމަނުގެ ޞަންޢާއަށް ވައިގެ ޙަމަލާއެއް ދީފައެވެ. އެ ޙަމަލާގައި ޙޫޘީ ސަރުކާރުގެ ބޮޑުވަޒީރާއި ގިނަ ޢަދަދެއްގެ ވަޒީރުން ވަނީ ޝަހީދުވެފައެވެ. އެނގިފައިވާ ގޮތުގައި އޮކްޓޯބަރު މަހުގެ 16ވަނަ ދުވަހުގެ ވަގުތެއްގައި އަލް ޣަމާރީ ޝަހީދުވީ އޮގަސްޓު މަހުގެ ޙަމަލާގައި ލިބުނު ޒަޚަމްތަކުގެ ސަބަބުންނެވެ.
ޔަހޫދީން ޣައްޒާއަށް ދެމުންދިޔަ ޙަމަލާތައް ހުއްޓައިލުމަށް އޮކްޓޯބަރު މަހުގެ 9ވަނަ ދުވަހު ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރި ފަހުން ޙޫޘީންނާއި ޔަހޫދިންނާ ދެމެދު ޙަމަލާއެއް ބަދަލުކޮށްފައެއް ނުވެއެވެ. މިދިޔަ ހަފްތާގެ ތެރޭގައި ޙޫޘީންގެ އިސްވެރިޔާ، އަބްދުލް މާލިކް އަލްޙޫޘީ ވަނީ ޔަހޫދީން އެއްބަސްވުމާ އެއްގޮތަށް އަމަލު ކުރޭތޯ އެ ޖަމާޢަތުން ބަލަމުންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެެއްބަސްވުމާ ޚިލާފަށް އަމަލުކުރާ ނަމަ އަނެއްކާ ވެސް ޔަހޫދީންނަށް ޙަމަލާ އަމާޒުކުރާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވައިފައެވެ.