ކާރިސާތަކަށް ތައްޔާރުވުމަށާއި ރިސްކް ކޮމިއުނިކޭޝަނަށް ހާއްސަކޮށްގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވެބްސައިޓެއް ލޯންޗުކޮށްފިއެވެ.
'ހުޝިޔާރު'ގެ ނަމުގައި ތައާރަފުކުރި މި ވެބްސައިޓު ރަސްމީކޮށް ލޯންޗުކޮށްފައިވަނީ، ބައިނަލްއަޤުވާމީ ކާރިސީ ހިރާސް ކުޑަކުރުމުގެ ދުވަހާއި ގުޅިގެން އެންޑީއެމްއޭއިން އިސްނަގައިގެން ބޭއްވި 'ވިލުންތެރި ފެސްޓު'ގައެވެ. މި ފެސްޓުގައި މި ވެބްސައިޓު ލޯންޗުކޮށްދެއްވީ ދިފާއީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޞަފޫރާއެވެ.
ހުޝިޔާރު ވެބްސައިޓަކީ މުޖުތަމައަށް މައުލޫމާތު ފޯރުކޮށްދޭ، ރައްކާތެރިކަން ކަށަވަރުކުރުމަށް އެހީތެރިވެދޭ، ތަފާތު ބަސްތަކަކުން އިންޒާރުގެ މެސެޖް ފޯރުކޮށްދޭ އަދި އަމަލީ ގޮތުން އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ފޯރުކޮށްދޭ ޑިޖިޓަލް ޕްލެޓްފޯމެއްކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. އަދި އެ ޕްލެޓްފޯމުން ހޭލުންތެރިކަން އިތުރުކުރުމުގެ ވީޑިއޯތަކާއި، ޕޯސްޓަރުތަކާއި، ތައުލީމީ ދާއިރާއަށް ބޭނުންވާ ފަންނީ މައުލޫމާތު ލިބެން ހުންނާނެކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
މީގެ އިތުރުން، މި ޕްލެޓްފޯމް 5 ބަހަކުން ބޭނުންކުރެވޭއިރު، ޕްލެޓްފޯމް ފަރުމާކުރެވިފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށްކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ.
The https://t.co/gltOxlUbaU is now live, a one stop digital hub for disaster preparedness under Hushiyaaru Campaign.
— NDMA Maldives (@NDMAmv) October 17, 2025
Equipped with inclusive, multilingual features, the platform delivers early warning alerts, hazard-specific guidelines, instructional videos, awareness materials… pic.twitter.com/fG4KMEpuic
މި ވެބްސައިޓާއި ގުޅޭގޮތުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، ކާރިސާތަކަށް ތައްޔާރުވުމާއި، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް މި ވެބްސައިޓް ބޮޑު ދައުރެއް އަދާކުރާނެކަމަށެވެ.
"ދިވެހިރާއްޖޭގެ ކާރިސާ ހިރާސް ކުޑަކުރުމުގެ އިސްތިރާޖު 2024-2030 ގައި ބަޔާންކޮށްފައިވާ 'އިޖާބަދިނުމަށް މުޖުތަމައު ބާރުވެރިކުރުވުން' މި މުހިންމު އަމާޒަށް ވާސިލްވުމަށް ކާރިސާތަކަށް ތައްޔާރުވުމާއި، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދެވޭ ޚާއްސަ ވެބްސައިޓެއް މިއަދު ގާއިމްކުރެވިގެން ދިއުމަކީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް. ދިވެހި ރެޑް ކްރެސެންޓާއި ގުޅިގެން އެންޑީއެމްއޭ އިން ފެށި މި ގައުމީ ކެމްޕޭނު އިތުރަށް ފުޅާކުރެވި މިކަމުގެ ސަބަބުން ކާރިސާތަކަށް ވިލުންތެރި މުޖުތަމައުކެއް ބިނާކުރެވުން އެއީ އަޅުގަނޑުމެންގެ އުއްމީދެއް،" އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވިއެވެ.
ހަމަމިއާއެކު، ދުރާލާ އިންޒާރުދިނުމާއި، ކާރިސީ ކަންކަމާއި ގުޅޭ ފަންނީ މައުލޫމާތު އެއްތަނަކުން ފެންނަ ޕްލެޓްފޯމެއް ގާއިމްކުރުމުގެ މަގުސަދަކީ ރައްކާތެރި ފިޔަވަޅު އަޅާ، ހިރާސް ކުޑަކުރުމަށް އަހުލުވެރި، ކާރިސާތަކަށް ކުރިމަތިލެވޭ ދިވެހިރާއްޖެއެއް ބިނާކުރުންކަމަށްވެސް ހިސާން ވިދާޅުވިއެވެ.
ހުޝިޔާރު ވެބްސައިޓަކީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭ އާއި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޔޫއެންޑީޕީގެ ފަންޑިން ވިންޑޯ މެދުވެރިކޮށް ޑެންމާކް، ލަކްސެމްބާގް އަދި ދެކުނު ކޮރެއާ ސަރުކާރުތަކުން ދެއްވި އެހީގެ ދަށުން
ޑިވެލޮޕްކޮށްފައިވާ ވެބްސައިޓެއްކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.
މީގެ އިތުރުން، އެންޑީއެމްއޭ އާއި މޯލްޑިވްސް ރެޑް ކްރެސެންޓް ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ރައްޔިތުންނަށް ދިމާވެދާނެ ކޮންމެ ކާރިސާއަކުން ރައްކާތެރިވުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ.