ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލ.ކުނަހަންދޫއަށް ވަޑައިގެންފި


  • މިއީ ރައީސް މި ދަތުރުފުޅުގައި ވަޑައިގެންނެވި 3 ވަނަ ރަށް

  • އުމްރާނީ ތަރައްޤީއާ ގުޅޭ މަޝްރޫޢުތަކުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކުނަހަންދޫއަށް ވަޑައިގެންފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅަށް ކުރައްވާ ދަތުފުޅުގައި ވަޑައިގެންނެވި ތިންވަނަ ރަށެވެ.

ލ. ކުނަހަންދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުންވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކުނަހަންދޫއަށް ވަޑައިގެން އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ އިސްވެރިނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެރަށުގެ ތަރައްޤީއަށް ރާވާފައިވާ މަޝްރޫއުތަކެއް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރައީސްގެ މި ދަތުރުފުޅުގައި ލ. ކުނަހަންދޫގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމް ހުޅުއްވާދެއްވުމާއި، އެރަށުގެ ޞިއްޙީ މަރިކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ އަޅުއްވާދެއްވުމުގެ އިތުރުން ކުނަހަންދޫގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމަމިއާއެކު، ރައީސުލްޖުމްހޫރިއްޔާ މާވަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުންވެސް މި ދަތުރުފުޅުގައި އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ހައްދުންމަތީގައި މީހުން ދިރިއުޅޭ 11 ރަށަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫއަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން މި ދަތުރުފުޅުގައިވެސް، ރައީސްގެ އަރިހުގައި ދައުލަތުގެ ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.