ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް އާންމުކޮށް ހުޅުވާލުމަށްޓަކައި އެކުލަވައިލައިފައިވާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނަށް އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއަހަރުގެ އޯގަސްޓް މަހު ކުޅުދުއްފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންނަ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލާނެކަމަށް އިޢުލާންކުރައްވާފައެވެ. ކަށިމިޔަރުގެ މަސްވެރިކަމަކީ އަހަރުތަކެއްކުރިން ރާއްޖޭގައި ކުރި މަސްވެރިކަމުގެ ބާވަތެކެވެ.
މި ފުރުޞަތު ހުޅުވާލުމަށް ތައްޔާރުވަމުން އަންނައިރު މަސްވެރިކަމާ ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވުޒާރާއިން ވަނީ ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް އާންމުކޮށް ހުޅުވާލުމަށްޓަކައި އެކުލަވައިލައިފައިވާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭނާއި އެ ޕްލޭން ތަންފީޛުކުރުމަށް އެކުލަވައިފައިވާ ގަވާއިދުގެ ދެލިކޮޕީއަށް އާންމުންގެ ޚިޔާލާއި ކޮމެންޓު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް މި އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް އާންމުކޮށް ހުޅުވާލުމަށްޓަކައި އެކުލަވައިލައިފައިވާ މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭން އަދި އެ ޕްލޭން ތަންފީޛުކުރުމަށް… pic.twitter.com/XQ60RRdKKK
— Ministry of Fisheries and Ocean Resources (@MFORmv) October 20, 2025
ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި މީގެކުރިން ކުރަމުންދިޔަ މަސްވެރިކަމުގެ ބާވަތެއްކަމުގައިވާ ކަށިމިޔަރުގެ މަސްވެރިކަންކުރުމަށް ހުޅުވާލަން ނިންމަވާފައިވާކަމަށެވެ. އަހަރުތަކެއް ކުރިން މިބާވަތުގެ މަސްވެރިކަން ކުޅުދުއްފުށީގައިވެސް ކުރިމަށާއި، ކުރިނަމަވެސް އެކަން ހުއްޓުވާފައި އޮތީ އެކި ސަބަބުތަކާއި ހެދިގެން ގަވާއިދުތަކަށް ގެނެވުނު ބަދަލުތަލުގެ ތެރެއިންކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންނަމަވެސް ތިމާވެއްޓާ ބެހޭ ވުޒާރާއާއި، މަސްވެރިކަމާއި ބެހޭ ވުޒާރާއާއެކު މަޝްވަރާކުރެވި، ކުރެވުނު މަސައްކަތްތަކުން ކަށި މިޔަރުގެ މަސްވެރިކަން ކުރުމަށް އަލުން ހުޅުވާލަން ނިންމެވީކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގައި 3 ބާވަތެއްގެ މިޔަރުގެ މަސްވެރިކަން މީގެކުރިންވަނީ ކޮށްފައެވެ. އެގޮތުން ފަރު މިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަމެވެ. ކަށިމިޔަރު މަސްވެރިކަން ކުރުން ހުއްޓިގެންދިޔައީ، އޭރު ކުރެވުނު ދިރާސާތަކަކުން ރާއްޖޭގައި މިޔަރުގެ އާބާދީ މަދުވަމުންދާކަމުގެ ކަންބޮޑުވުމާއެކުގައެވެ. އެހެންނަމަވެސް ފަހަކަށް އައިސް މަސްވެރިންގެ ފަރާތުން މިޔަރު ގިނަވުމުގެ ކަންބޮޑުވުންވެސް އަޑުއިވެއެވެ.
ކަށިމިޔަރު މަސްވެރިކަންކޮށްގެން ބޮޑު ޢާމްދަނީއެއް ހޯދިދާނެކަމަށް ސަރުކާރުން އަންދާޒާކުރާއިރު މިއީ އަގު އެއްކޮށްގެން އުފައްދާ ކަށިމިޔަރު ތެޔޮ ތައްޔާރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށްވެސް ލިބިގެންދާނެ އިތުރު ފުރުސަތެކެވެ. އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މަސްވެރިކަމުގެ އިތުރު ބާވަތްތައް އާލާކުރުމަށް ސަރުކާރުންދަނީ މަސައްކަތް ކުރަމުންނެވެ.