1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ މީހުން އަންނަ ނޮވެންބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެން ދުންފަތުގެ އިސްތިޢުމާލުކުރުން މަނާވާތީ އެކަމަށް ޚާއްސަކޮށްގެން "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ"ގެ ނަމުގައި ކައުންޓްޑައުން ޝޯއެއް މިރޭ ފަށައިފިއެވެ.
"ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" ކައުންޓްޑައުންއަކީ ޕަބްލިކް ސަރވިސް މީޑިއާއާއި ރާއްޖޭގެ އެކި މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. ނޮވެންބަރު މަސް ފެށެންދެން މި ހަރަކާތް ކުރިއަށްދާނެއެވެ. މި ހަރަކާތުގެ ދަށުން ޖެނަރޭޝަނަލް ބޭންއާ ގުޅޭގޮތުން މަޢުލޫމާތުތައް ފޯރުކޮށްދޭނެއެވެ. އަދި ޖެނަރޭޝަނަލް ބޭންއަށް ޢަމަލުކުރަން ފެށުމުގެ ގޮތުންވެސް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައިވެއެވެ.
ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ބިލު ޤާނޫނަކަށްވުމުން 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުވާނެއެވެ. އަދި އެއުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެކެވެ.
މި އިސްލާހުގައި ސަރުކާރުގެ ފަރާތުން ވަނީ ދުންފަތުގެ ބާވަތްތައް ވިއްކާ ފަރާތްތަކުގެ ޒިންމާތައްވެސް ހިމަނުއްވާފައެވެ. އެގޮތުން، ދުންފަތުގެ ބާވަތްތައް ވިއްކޭނީ ލައިސަންސް އޮވެގެން ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި އެކަންޏެވެ. އަދި އެފަދަ ތަކެތި ގަންނަނީ ކާކުކަން ނޭނގޭގޮތަށް، އޮންލައިންކޮށް ނުވަތަ ވެންޑިން މެޝިން ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ދުންފަތުގެ ބާވަތްތައް ވިއްކައިގެން ނުވާނެ ކަމަށްވެސް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.
މި އިސްލާހުގައި ދުންފަތުގެ ބާވަތްތައް އުފައްދަން ޚާއްސަކޮށްފައިވާ މެޝިނަރީ ރާއްޖެއަށް އެތެރެކުރުންވެސް ވަނީ މަނާކޮށްފައެވެ. އަދި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ގެންގުޅުމާއި ބޭނުންކުރުންވެސް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން މި އިސްލާހުގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްގެ ބާވަތްތައް ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފެނިއްޖެނަމަ އެ އަތުލުމުގެ ބާރު ފުލުހުންނަށް ލިބެއެވެ. އަދި ރާއްޖެއަށް
އެތެރެކުރާ އެފަދަ ތަކެތި އަތުލުމުގެ ބާރުވެސް ފުލުހުންނާއި، ކަސްޓަމްސްއަށް ލިބެއެވެ.