ޚަބަރު

ކުޅުންތެރިންގެ ފެންވަރު މަތިވެއްޖެ، މިއަދުގެ މެޗަށް ތައްޔާރު: ސުޒެއިން


  • ވަރަށް ގިނަ ކުރިއެރުންތަކެއް ކުޅުންތެރިންނަށް ލިބިއްޖެ ކަމަށް ސުޒެއިން ބުނި

ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް މިއަދު ނިކުންނަ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރު ވެވިއްޖެ ކަމަށާއި، ސީނިއަރ ކުޅުންތެރިންގެ ސަބަބުން ޖޫނިއަރ ކުޅުންތެރިންގެ ފެންވަރަށް ކުރިއެރުންތަކެއް އަތުވެއްޖެ ކަމަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ގައުމީ ޓީމުގެ ދެ މެޗަށް ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން މެދުކަނޑާލުމަށްފަހު އަލުން މެޗުތައް ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒެއިން ބުނީ ނިއު ރޭޑިއަންޓުގެ ތައްޔާރުވުންތަކާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށާއި ސީނިއާ ކުޅުންތެރިންގެ ސަބަބުން ވަރަށް ގިނަ ކުރިއެރުންތަކެއް ނިއުރޭޑިއަންޓްގެ އެހެން ކުޅުންތެރިންނަށްވެސް ލިބިއްޖެ ކަމަށެވެ.

ސުޒެއިން ބުނީ ދިވެހި ކުޅުންތެރިންނަށް ބަލާއިރު ވަރަށް ރަނގަޅު ލެވެލްގެ ކުޅުންތެރިން ނިއު ރޭޑިއަންޓުގައި އެބަތިބި ކަމަށާއި، ލީގުގެ ސަބަބުން ވަރަށް ގިނަ ކުޅުންތެރިންނަށް ކުރިއެރުންތައް އަތުވެއްޖެ ކަމަށާއި ރަނގަޅު ގިނަ ކަންތައްތަކެއް ފެންނަކަމަށެވެ. އަދި އެކަން ޕްރެކްޓިސް މެޗުތަކުން ފާހަގަކުރެވުނު ކަމަށްވެސް ސުޒެއިން ބުންޏެވެ.

އަދި ވިކްޓަރީއަކީ ކިތަންމެ ގިނަ އަމިއްލަ ހަނދާންތަކެއް ހުރި ކުލަބެއްވިޔަސް މިއަދުގެ މެޗުގައި ހުރިހާ ފޯކަހެއް ހުންނާނީ މެޗުން މޮޅުވުމަށް ކަމަށާއި، އިރާދުކުރެއްވިއްޔާ މެޗު ކާމިޔާބުކުރާނީ ނިއު ރޭޑިއަންޓުން ކަމަށް ސުޒެއިން ބުންޏެވެ.

"ވިކްޓަރީއަކީ އަޅުގަނޑުގެ ވަރަށް ގިނަ އިމޯޝަނަލް ކަންތައްތަކެއް ގުޅީފައިވާ ކުލަބެއް. އެއީ އެންމެ ކުޑަމިނުން ވިކްޓަރީ މިހާރު ލޯގޯ ޖަހާލައިގެން ނިކުންނައިރު އެ ލޯގޯއަކީވެސް ސީދާ އަޅުގަނޑު ގެނައި ބަދަލު. އެހެންވީމަ އެ ލޯގޯވެސް ފެނުނީމަ އެއީ އަޅުގަނޑުގެ މަސައްކަތެއްކަން ހަނދާންވާނެ. އެހެންވީމަ އެކަހަލަ ބައިވަރު ކަންތައްތަކެއް ގުޅިފައި އޮތް ކުލަބެއް ވިކްޓަރީއަކީ. އެކަމު އަޅުގަނޑު މިހިރީ ޕްރޮފެޝަނަލީ މަސައްކަތެއް ކުރަން ނިކުމެ ރާއްޖޭގެ އެންމެ ވަރުގަދަ އެންމެ ބޮޑު ކުލަބާ އެއްކޮށް" ސުޒެއިން ބުންޏެވެ.

ވިކްޓަރީންވެސް ބޭރު ކޯޗެއް ގެނެސް ޓީމު ވަރުގަދަ ކުރަން ކުރާ މަސައްކާތައިމެދު ވަރަށް އުފާވާ ކަމަށާއި، ހުރިހާ ޓީމަކުންވެސް އެ ބަދަލުތައް ގެންނާތީ އުފާވާ ކަމަށް ސުޒެއިން ބުންޏެވެ.

ފުޓްބޯޅައިގެ ފެންވަރު ދަނީ މައްޗަށް ކަމަށާއި، މެދުކެނޑުމަކަށްފަހު އައިސް ކުޅެން ފެށިފަހުންވެސް ކުރިއެރުންތައް ފެނިއްޖެ ކަމަށް ސުޒެއިން ފާހަގަކުރިއެވެ. އަދި ފުޓްބޯޅައިގެ ފޯރިއާއި ލީގުގެ ވާދަވެރިކަމާއި ރޫހު އަތުވެއްޖެ ކަމަށްވެސް އޭނާ ބުންޏެވެ.

ސަޕޯޓަރުން ދަނޑަށް ނައިސް ތިބީ ފުޓްބޯޅަ ދެކެ ފޫހިވެގެން ނޫންކަމަށާއި، އަންނަންޖެހޭ ވަރުގެ ސަބަބެއް ނުދެއްކިގެން ކަމަށް ސުޒެއިން ބުންޏެވެ. އަދި މިހާރު ލީގު މެޗުތަކުން ކޮންމެވެސް ވަރަކަށް ފޯރި ފެންނަން ފަށައިފި ކަމަށާއި، ބޭރު ކުޅުންތެރިންނާއި ރާއްޖޭގެ ކުޅުންތެރިން މިކްސްކޮށް ކުޅޭކަމަށްވާނަމަ ސަޕޯޓަރުން އަންނަތަން ފެންނަ ކަމަށްވެސް ސުޒެއިން ފާހަގަކުރިއެވެ.

"އާންމުންގެ މަގްބޫލު އެއްޗަކަށް ހަދަން ޖެހޭނީ. އެންމެ ފަހުން ގައުމީ ޓީމުގެ މެޗުންވެސް ވަރަށް ރަނގަޅު އުންމީދީ ކަންތައްތަކެއް އެބަހުރި" ސުޒެއިން ބުންޏެވެ.

ލީގު ފެށުނު ފަހުން ކުޅުންތެރިންގެ ހުނަރުތައްވެސް ރަނގަޅުވެ އިތުބާރު އަންނަމުންދާކަން ފާހަގަކުރަމުން ސުޒެއިން ބުނީ ފުޓްބޯޅައަށް ރަނގަޅު ކަންތައްތަކެއް ފެންނަން ފަށައިފިކަމަށެވެ.

"ޓީމުތައް ކޮންޕެޓިޓިވް ލެވެލްގައި ވަރުގަދަވެގެން އައުން އެއީ ފުޓްބޯޅައަށް މިވަގުތު އޮތް އެންމެ ބޮޑު ރަނގަޅޭ އަޅުގަނޑު ދަންނަވާނީ" ސުޒެއިން ބުންޏެވެ.

މިއަދުގެ މެޗަށް ނިއު ރޭޑިއަންޓް ނިކުންނައިރު އެކުލަބު އޮތީ ތާވަލުގެ ތިން ވަނައިގައެވެ. ވިކްޓްރީ އޮތީ ތާވަލުގެ 5 ވަނައިގައެވެ.