ހައްދުންމަތީ ފޮނަދޫގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްގެ ކެމްޕަހެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފޮނަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
ލ. ފޮނަދޫގައި އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެރަށުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުއެވެ. މި ރަސްމިއްޔާތުގައި ފޮނަދޫ ކައުންސިލްގެ ރައީސްގެ އިތުރުން، ފޮނަދޫ ދާއިރާގެ މެމްބަރު ބައިވެރިވެވަޑައިގަތެވެ.
ފޮނަދޫގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްގެ ކެމްޕަހެއް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއަށެވެ.