އިންޓަރނެޓް މެދުވެރިކޮށް ކުރާ ކުށްތަކަށް ހޭލުންތެރިކުރުމަށް މުޅި ރާއްޖެ އަމާޒުކޮށްގެން ބޮޑު ކެމްޕެއިނެއް ފެށުމަށް ތައްޔާރުވެފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މި މަސް ފާހަގަކުރަނީ ސައިބަރ ސެކިއުރިޓީއަށް ހޭލުންތެރިކުރުމުގެ މަހުގެގޮތުގައެވެ. އިންޓަރނެޓް މެދުވެރިކޮށް ކުރާ ކުށްތަކަށް ހޭލުންތެރިކުރުމަށް އެކި އުމުރުފުރާތަކަށް ޢަމާޒުކޮށްގެން މި ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ފުލުހުންގެ މުއައްސަސާގެ ތެރެއިންނެވެ. އެގޮތުން ކޮންމެ ފުލުހަކީ މިކަމަށް ފުރިހަމައަށް ހޭލުންތެރި އަދި އެހެން މީހުންނަށް އެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމަކީ އެންމެ މުހިންމު އެއް ޢަމާޒުކަމަށް ފުލުހުން ވިދާޅުވިއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވީ މިފަހަރު ފަށާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގައި އަމިއްލަ ވިޔަފާރިތަކާއި ސަރުކާރުގެ މުއައްސަސާތަކަށް ޚާއްސަކޮށްގެން ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ.
އޭނާ ވިދާޅުވީ އިންޓަރނެޓް މެދުވެރިކޮށް ކުރާ ކުށްތަކުގެ ޝިކާރައަކަށް އެކި އުމުރުފުރާތަކުގެ މީހުންނާ ކުދިން ވެގެންދާކަމަށެވެ. އެހެންކަމުން މި ޕްރޮގްރާމްތަކުގައި ޓަރގެޓް އުމުރުފުރާތަކަށްވެސް ޕްރޮގްރާމް ހިންގާނެކަމަށެވެ.
އެގޮތުން ގްރޭޑް 4އިން ފެށިގެން މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ޚާއްސަކޮށް، މަޢުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންޓަރނެޓް މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ އަތުލުމުގެ މައްސަލަތަކަށް އެންމެ ގިނައިން ހުށައެޅޭ އެއްބަޔަކީ މުޖުތަމަޢުގައި ތިބި އުމުރުން ދުވަސްވީ މީހުންނެވެ. އެހެންކަމުން އުމުރުން ދުވަސްވީ މީހުންވެސް މީގެތެރޭގައި ޝާމިލުކޮށް، އެމީހުންނަށް ދޭހަވާނެގޮތަށް ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
"ވަކި އުމުރުފުރައެއް އިސްތިސްނާއެއް ނުވޭ މި މަސައްކަތުގައި. ޒުވާނުން، ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން ހިމެނޭނެ. އަދި ވިޔަފާރިއަށް ބެލިއަސް، ޕްރައިވެޓް ސެކްޓަރ އަދި ދަޢުލަތުގެ މުއައްސަސާތަކަށްވެސް ޕްރޮގްރާމް ކުރިއަށްގެންދާނަން." އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އަމާޒަކީ މިހަރަކާތް ނިމޭއިރު މިކަމާ ގުޅޭ މަޢުލޫމާތު ލިބި، ހޭލުންތެރި ނުވާ އެއްވެސް ދިވެހި ރައްޔިތަކު ނެތުންކަމަށެވެ.
ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި އޮޅުވާލައިގެން ފައިސާ ހޯދުމާއި އިންޓަރނެޓް މެދުވެރިކޮށް ކުރާ އެހެނިހެން ކުށްތަކުގެ ވައްޓަފާޅިއާއި އުކުޅުތަކަށް އަންނަމުންދާ ބަދަލުތަކާއި އެކަންކަމުގައި ވީހާވެސް އަވަހަށް އެހީތެރިކަން ހޯދުމުގައި ޢަމަލުކުރާނެ ގޮތްތަކުގެ މަޢުލޫމާތުދީ އެކަންކަމަށް ހޭލުންތެރިކުރާނެއެވެ.
ރާއްޖޭގައި މިފަދަ ކުށްތަކުގައި މިލިޔަނުން މީހުންގެ އަތުން ފައިސާ ދަނީ ފޭރެމުންނެވެ. މާލީ ގެއްލުމުގެ އިތުރުން، ގަނާކުރުމާއި މީހާގެ އަބުރުކަތިލެވޭފަދަ ކުށްތައްވެސް އިންޓަރނެޓް މެދުވެރިކޮށް ދަނީ ކުރަމުންނެވެ.