ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސްޕެއިންގެ ވިޔަރެއާލްއާ ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ.
ވިޔަރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 17 ވަނަ މިނިޓުގައި މެންޗެސްޓަރ ސިޓީގެ އާލިން ހާލަންޑް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
މި ލަނޑާއެކު ހާލަންޑް ވަނީ އޭނާ އެންމެ ފަހުން ކުޅުނު 12 މެޗުގައިވެސް ލަނޑު ޖަހާފަ އެވެ. ހާލަންޑް ވަނީ އޭނާ އެންމެ ފަހުން ކްލަބުގެ އިތުރުން ނޯވޭގެ ގައުމީ ޓީމަށް ކުޅުނު ޖުމްލަ 14 މެޗުގައި 24 ލަނޑު ޖަހާފަ އެވެ.
މެންޗެސްޓަރ ސިޓީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ފަސް މިނިޓަށް ވެފައިވަނިކޮށް ސަވީނިއޯގެ އެސިސްޓަކުން ބަރނާޑޯ ސިލްވާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި މެޗުގައި ސިޓީ އަށް ދެ ލަނޑު ޖެހިފައިވީ ނަމަވެސް އެ ޓީމަށް ވަނީ މިއަށްވުރެ ގިނަ ލަނޑު ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ.
މެންޗެސްޓަރ ސިޓީ އަށް މި މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު އެ ޓީމަށް ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ލިބިފައިވާ 7 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ.
މި މެޗުން ސިޓީ މޮޅުވުމާއިއެކު އެ ޓީމުން ވަނީ މެޗަކުން ބަލިނުވެ 9 މެޗު ހަމަކޮށްފަ އެވެ. މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި 22 ވަނައިގައި އޮތް ސިޓީ އިން ދަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.