ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން އާސެނަލްއިން ކާމިޔާބުކޮށްފިއެވެ.
މި ނަތީޖާއާއެކު އާސެނަލް އިން ވަނީ ޗެމްޕިއަންސް ލީގުގައި މި ސީޒަނުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ޖުމްލަ 9 ޕޮއިންޓް ހޯދާފަ އެވެ.
ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ފަންސާސް ނުވަ ހާހަށްވުރެ ގިނަ މީޙުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ގިނައިރު އާސެނަލް އިން ބޯޅަ ހިފަހައްޓައިގެން ކުޅެފައިވާއިރު އެ ޓީމަށް ވަނީ ލަނޑު ޖަހަން ރަގަޅު ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ.
އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި އެބެރެޗީ އެޒޭ ފޮނުވާލި ނުރައްކާތެރި ހަމަލައެއް އެތްލެޓިކޯ މެޑްރިގެ ގޯލުގެ ހުރަސް ދަނޑީގައި ވަނީ ޖެހިފަ އެވެ. މީގެ އިތުރުން އެތްލެޓިކޯ މެޑްރިޑް އަށް ފުރަތަމަ ހާފުގައި ލިބުނު ހަމައެކަނި ފުރުސަތުގައި ހޫލިއަން އަލްވަރޭޒް ފޮނުވާލި ހަމަލާ އާސެނަލްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ.
އާސެނަލް އިން މި މެޗުގައި ލީޑު ނަގާފައިވަނީ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ބާރަ ވަނަ މިނިޓުގައި ގެބްރިއަލް މަގަލާއިސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި މެޗުގެ 74 ވަނަ މިނިޓުގައި ލެވިސް ސްކެލީގެ ޕާހަކުން ގެބްރިއެލް މާޓިނޭލީ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި އާސެނަލް އިން ޖެހި ތިންވަނަ ލަނޑު މެޗުގެ 67 ވަނަ މިނިޓުގައި ވިކްޓަރ ގިޔޮކޭރެސް ކާމިޔާބުކޮށްދީފައިވާއިރު އޭނާ ވަނީ އޭގެ ތިން މިނިޓު ފަހުން އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 4-0 އަށް ބަދަލުކޮށްފަ އެވެ.