ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަޔަކްސްއާ ދެކޮޅަށް ކުޅުނު މެޗު 5-1 ގެ ނަތީޖާއަކުން ޗެލްސީން ކާމިޔާބުކޮށްފިއެވެ.
މި މެޗަށް ޗެލްސީ ނިކުތްއިރު ކޯޗު އެންޒޯ މަރެސްކާ ވަނީ އެ ޓީމުގައި ހިމެނޭ ޒުވާން ގިނަ ކުޅުންތެރިންނަށް ފުރަތަމަ ޓީމުން ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި 19 އަހަރުގެ މާކް ޖިއޯ އާއި 18 އަހަރުގެ އެސްޓެވާއޯ ވިލިއަންގެ އިތުރުން ތައިރިގް ޖޯޖް ހިމެނެ އެވެ.
ލަންޑަނުގެ ސްޓެމްފަޑް ބްރިޖްގައި ތިރީސް އަށްހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 17 ވަނަ މިނިޓުގައި އަޔަކްސްގެ ކެޕްޓަން ކެނެތް ޓެއިލާ އަށް ރެފުރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
ޗެލްސީން މި މެޗުގައި އަޔަކްސްގެ ގޯލު ހުޅުވާލާފައިވަނީ މެޗުގެ 18 ވަނަ މިނިޓުގައި މާކް ޖިއު ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި ޗެލްސީގެ އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ އަޔަކްސް އާއި ދެކޮޅަށް ޗެލްސީން މޮޅު ކުޅުމެއް ދައްކާފައިވާ މި މެޗުގެ 27 ވަނަ މިނިޓުގައި މޯސެސް ކައިސޭޑޯ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި އަޔަކްސްއިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައިވަނީ މެޗުގެ 33 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ވޭގްހޯސްޓް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އަދި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނިޓުގައި ޗެލްސީއަށް ލިބުނު ޕެނަލްޓީ އަކުން އެންޒޯ ފެނާންޑޭޒް ވަނީ ލަނޑެއް ޖަހާފަ އެވެ.
ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޗެލްސީއަށް ލިބުނު އިތުރު ޕެނަލްޓީ އަކުން އެސްޓެވާއޯ ވިލިއަން ވަނީ އިތުރު ލަނޑެއް ޖަހާ ޗެމްޕިއަންސް ލީގުގައި ޗެލްސީ އަށް ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޯދާފަ އެވެ. އެސްޓެވާއޯ މި ލަނޑު ޖެހިއިރު އޭނާގެ އުމުރަކީ 18 އަހަރެވެ.
މެޗުގެ ދެވަނަ ހާފަށް ނިކުތްއިރު ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ އެ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ޗަލޮބާ އާއި އެންޑްރޭ ސަންޓޯސްގެ އިތުރުން ތައިރިގު ޖޯޖް ވަނީ ކުޅެން އަރުވާފަ އެވެ.
ޗެލްސީން މި މެޗުގައި ޖެހި ފަސްވަނަ ލަނޑަކީ ތައިރިގު ޖޯޖް ކުޅެން އެރިތާ ތިންވަނަ މިނިޓުގައި އޭނާ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
މި ނަތީޖާ އާއެކު ޗެލްސީއަށް ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ލިބިފައިވާ ހަ ޕޮއިންޓާއެކު ތާވަލުގެ 11 ވަނަ މަގާމް ލިބިފަ އެވެ.