ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.
މި ނަތީޖާ އާއިއެކު ރެއާލް މެޑްރިޑަށް ވަނީ މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ޖުމްލަ ނުވަ ޕޮއިންޓާއެކު ތާވަލުގެ ފަސްވަނަ މަގާމް ލިބިފަ އެވެ. އެއްވަނައިގައި އޮތް ޕީއެސްޖީ އަށް ވެސް 9 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ހަތްދިހަ ހަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ޔުވެންޓަސް އިން ވަނީ ރެއާލް މެޑްރިޑްގެ ގޯލަށް ނުރައްކާތެރި ދެ ހަމަލައެއް ފޮނުވާލާފަ އެވެ. ނަމަވެސް އެ ދެ ހަމަލާވެސް ރެއާލް މެޑްރިޑްގެ ގޯލުކީޕަރު ޓިބާ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.
ރެއާލް މެޑްރިޑް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 12 ވަނަ މިނިޓުގައި ޖޫޑް ބެލިންހަމް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށްފަހު އަލުން ކުޅުމުގެ ތެރެއަށް އައިސް ބެލިންހަމް ދަނީ މޮޅު ކުޅުމެއް ދައްކާމުންނެވެ. އެގޮތުން ލީގުގައި އެންމެ ފަހުން ގެޓާފޭ އާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
މި ލަނޑަށްފަހުވެސް ރެއާލް މެޑްރިޑަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. އޭގެ ތެރޭގައި ކިލިއަން އެމްބާޕޭ އަށް ލިބުނު ފުރުސަތަތައް ފާޙަގަ ކޮށްލެވެއެވެ.
ނަތީޖާ އާއިއެކު ޔުވެންޓަސް އަށް ތިން މެޗުން ލިބިފައިވާ 2 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 25 ވަނައިގަ އެވެ. މިހާތަނަށް ޔުވެންޓަސް ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން ބަލިވެ ދެ މެޗު ވަނީ އެއްވަރުވެފަ އެވެ.