ޚަބަރު

އައްޑޫގައި ނިޔާވި ދެމަފިރިންގެ ކަށުނަމާދު ހުކުރު ނަމާދަށް ފަހު


  • ފަރަޚްނާޒްގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މަރަދޫ، މަސްޖިދުލް އިޅްލާޞްގައި

  • އިބްރާހީމް އަބްދުﷲގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ ހިތަދޫ މަސްޖިދުލް ތަޤްވާގައި

އައްޑޫ ސިޓީގައި ނިޔާވި ދެމަފިރިންގެ މައްޗަށް ކުރެވޭ ކަށުނަމާދު ހުކުރު ނަމާދަށް ފަހު ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ގޭގައި މަރުވެފައި އޮތްވާ ފެނިފައިވަނީ ސ. ހިތަދޫ ކްރޭންގެ އުމުރުން 60 އަހަރުގެ އިބްރާހީމް އަބްދުﷲ އާއި ސ. މަރަދޫ ނާރެސް، އުމުރުން 52 އަހަރުގެ ފަރަޙްނާޒް ރަޝީދެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވަނީ މިމައްސަލާގައި މިހާތަނަށް ބެލި ބެލުމުން ތުހުމަތުކުރެވޭ ކަމެއް ފާހަގަކުރެވިފައި ނުވާކަމަށެވެ.
މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިހާރު މިވަނީ ހުކުރަށް ފަހު ކަށު ނަމާދު ބޭއްވުަމަށް ނިންމާފައެވެ.

އެގޮތުން ފަރަޚްނާޒްގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މަރަދޫ، މަސްޖިދުލް އިޅްލާޞް (ބުރުޒު މިސްކިތް)ގައެވެ. އަދި އިބްރާހީމް އަބްދުﷲގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ ހިތަދޫ މަސްޖިދުލް ތަޤްވާ ( ހުސެއިން މޫސާ މިސްކިތް) ގައެވެ.

އައްޑޫ ސިޓީ ހިތަދޫން 2 މީހަކު ނިޔާވެފައި އޮތްވާ ފެނުން ވެގެން ދިޔައީ ގިނަ ބަޔަކަށް ލިބުނު ކުއްލި ސިހުމަކަށެވެ. މި ހާދިސާގައި ފެންނަން ހުރި ބައެއް ކަންކަމަށް ބަލާއިރު މި 2 މީހުން ނިޔާވެފައި އޮތްވާ ފެނިގެން ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ، 22 ވަނަ ދުވަހު ހަވީރު 16:15 ހިސާބުގައެވެ. ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހާދިސާ ހިނގި ގެއަކީ ކަރަންޓު ޚިދުމަތް ގުޅާފައި ހުރި ގެއެއް ނޫން ކަމުން އެމީހުން ގެއަށް ކަރަންޓު ދެނީ ކުޑަ ޖަނަރޭޓަރެއް މެދުވެރިކޮށްކަން ވަނީ އެނގިފައެވެ. މިކަމާއި ގުޅޭ ގޮތުން ރަށުގެ ބައެއް މީހުންގެ ވާހަކަތަކަށް ބަލާއިރު، ދެ ގޮތަކަށް ވާހަކަ ދެކެވެއެވެ. އެއްގޮތަކީ ކަރަންޓުގައި ޖެހިގެން ހިނގި ހާދިސާއެއް ކަމެވެ. އަނެއް ބައި މީހުން ދެކޭ ގޮތުގައި ހާދިސާ ހިނގާފައިވަނީ ޖަނަރޭޓަރު ޖައްސާފައި ހުރުމުން، ގޭތެރޭގައި ވިހަ ދުމުގެ މިންވަރު އިތުރުވެގެންނެވެ. މިއިން އެއްވެސް ކަމެއް އެއްވެސް ރަސްމީ އިދާރާއަކުން ސާފުކޮށް ނުދެއެވެ.