ޚަބަރު

މެސީގެ ދެ ލަނޑާއެކު އިންޓަރ މަޔާމީ އަށް މުހިންމު މޮޅެއް


އެމެރިކާގެ މޭޖަރ ލީގުގެ ޕްލޭއޮފް ސީރީޒްގެ ފުރަތަމަ މެޗުގައި ނޭޝްވިލް އާއި ދެކޮޅަށް އިންޓަރ މަޔާމީ ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން އިންޓަރ މަޔާމީ މޮޅުވެއްޖެ އެވެ.

ޕްލޭއޮފްގެ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އިންޓަރ މަޔާމީގެ ޗޭސް ސްޓޭޑިއަމްގައި ހާވިއޭ މަޝެރާނޯގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ އިންޓަރ މަޔާމީ އިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

މި މެޗުގެ 19 ވަނަ މިނިޓުގައި ލުއިސް ސުއަރޭޒްގެ ޕާހަކުން ލިއޮނެލް މެސީ ވަނީ ލަނޑެއް ޖަހާ އިންޓަރ މަޔާމީ އަށް ކުރި ހޯދަދީފަ އެވެ.

ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 1-0 ގެ ނަތީޖާއަކުން އިންޓަރ މަޔާމީ ކުރީގައި އޮތްއިރު އެ ޓީމަށް ވަނީ އިތުރު ލަނޑުތަކެއް ޖަހާނެ ރަގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ.

އިންޓަރ މަޔާމީ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ 62 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޓަޑެއޯ އަލެންޑޭ އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގައި ލިއޮނެލް މެސީ ވަނީ އިތުރު ލަނޑެއް ޖަހާފަ އެވެ.

މި މެޗުގައި ނޭޝްވިލް އިން ޖެހި ހަމައެކަނި ލަނޑަކީ މެޗުގެ އިތުރު ވަގުތުގައި ހެނީ މުޚްތާރު ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

ނޭޝްވިލް އަތުން އިންޓަރ މަޔާމީ މޮޅުވެފައިވާއިރު މިއީ ނޭޝްވިލް އަތުން އެ ޓީމު މޮޅުވި ހަވަނަ ފަހަރެވެ.

އަންނަ ނޮވެމްބަރ މަހުގެ ފުރަތަމަ ދުވަހު ކުޅެވޭ ދެވަނަ މެޗުން އިންޓަރ މަޔާމީ މޮޅުވެއްޖެނަމަ މި ސީރީޒް އިން އެ ޓީމަށް ކުރި ލިބިގެންދާނެ އެވެ.