އައްޑޫ ސިޓީ 3 ރަށެއްގެ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓުލުން ނިމި، ވޯޓު ގުމުގެ މަސައްކަތް ފަށައިފިއެވެ.
ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވަކި ޤާނޫނެއްގެ ދަށުން ނަގާ ޚިޔާލު ހޯދުމުގެ ފުރަތަމަ ވޯޓު ނެގުން މިއަދު ހެނދުނު 8 ޖެހިއިރު ވަނީ ފަށާފައެވެ. މިއީ އައްޑޫ ސިޓީގެ 3 ރަށެއްގައި ވަކި ކައުންސިލްތަކެއް އުފެއްދުމަށް ރައްޔިތުންނަނަށް ފެންނަ ގޮތުގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓެކެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ހުރިހާ ވޯޓުފޮއްޓެއް ބަންދުކޮށް، ގުނުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަަމަށެވެ. އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ގުނުމުގެ މަސައްކަތް ނިންމައި މިރޭ 21:00 ގައި ވަގުތީ ނަތީޖާ އިއުލާންކުރުމަށެވެ.
އައްޑޫގެ ރަށްރަށުގެ މެދުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު ވޯޓެއް ނަގަނީ ބައެއް ރަށްރަށުން މައި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިފައިވާތީއެވެ. މިކަމުގައި ޤާނޫނީ ގޮތުން ގެނެވޭނެ ބަދަލަކީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ފަހުގައިކަމަށްވާތީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ މިކަމުގައި ސުވާލެއް ހުށައަޅުއްވާފައެވެ.
އައްޑޫ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް ނުވަތަ ބައެއް ރަށްތަކުގައި ވަކި ކައުންސިލެއް އުފެއްދުމާއި ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށް އިޙުތިރާމު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ރަށް ރަށް ވަކިވާން އެދިއްޖެނަމަ، މިހާރު އޮތް އުސޫލުގެ ތެރެއިން ފޭދޫއަށް ބްލޮކް ގްރާންޓްގެ ގޮތުގައި އަހަރަކު 50 މިލިއަން ރުފިޔާ ލިބޭނެކަމަށާއި ހުޅުދޫއަށް 14 މިލިއަން އަދި މީދޫއަށް 18 މިލިއަން ބްލޮކް ގްރާންޓުގެ ގޮތުގައި ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި އައްޑޫގެ ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށް ސަރުކާރުގެ ތާޢީދު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
އައްޑޫ، ސިޓީއެއްގެ ގޮތުގައި އޮތުމަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް 2010 ވަނަ އަހަރު ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައިވެސް މި ތިން ރަށުގެ ރައްޔިތުން ވޯޓު ދީފައި ވަނީ ސިޓީއެއް ބޭނުންނުވާ ކަމަށެވެ.