ޚަބަރު

ބަނގުރަލުގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން 3 ބިދޭސީއަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 2 މީހުންނާއިއި ޕާކިސްތާނަށް ނިސްބަތްވާ މީހެއް

  • ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ ފުޅިތަކެއް ވަނީ އަތުލައިގަނެފައި

ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކޮށް ބަނގުރާ ބޭނުންކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެ ފުރަތަމަ ފިޔަވަހިން 3 މީހުން ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 2 ފިރިހެނުންނާއި ޕާކިސްތާނަށް ނިސްބަތްވާ މީހެކެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގަލަދޭޝްއަށް ނިސްބަތްވާ އުމުރުން 19 އަހަރުގެ އެމްޑީ ރިޔާސް އުއްދީންއާއި ހަމަ އެޤައުމަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ އެމްޑީ އަޝްރަފުލް އަލަމްއެވެ. މީގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ޔާސިރް ހަމީދުއެވެ.

ފުލުހުން ވިދާޅުވީ އެ 3 މީހުންވެސް ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 1 ގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރުމުގެ ތެރޭގައެވެ.

ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ފުލެޓް 100 ކައިރީގައި އެ މީހުން ފޮށިތަކަކާއި ފޮށިގަނޑުތަކެއް ގެންގުޅޭތީ ތުހުމަތުކުރެވިގެން އެ ތަކެތި ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 232 ފުޅި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެ ތަނުން އެކަކު ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލްގެ 49 ފުޅި ފެނިފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.