ދިރާގު ދިވެހި ޕްރިމިއާ ލީގު، ގައުމީ ޓީމުގެ ދެ މެޗަށް މެދު ކަނޑާލުމަށްފަހު އަލުން ފަށައިގެން ކުރިޔަށްދާއިރު ޓީސީ ސްޕޯޓްސް ކުލަބުން ދެން ކުރިޔަށްދާނީ އެންމެ ފަހުން ކުޅުނު މެޗަކީ "ބެންޗް މާކެއް" ކަމަށް ބަލައިގެން ކަމަށް ޓީސީގެ ކޯޗު އަހުސަން ރަޝީދު ބުނެފިއެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި 21 އޮކްޓޫބަރުގައި ކުޅުނު މެޗުގައި ކުލަބު ވެލެންސިއާ ބަލިކޮށް، ޓީސީ ސްޕޯޓްސް ކުލަބުން ލީގުގެ ފުރަތަމަ ތިން ޕޮއިންޓް ހޯދި މެޗަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި ޓީސީގެ ކޯޗު ބުނީ ކުރިންވެސް ބުނަމުން އައީ ޓީސީން ލީގު ފަށާނީ ބްރޭކަށް ފަހުކަމަށް ކުރިވެސް ބުނެފައިވާނެކަމަށެވެ.
"އަޅުގަނޑުމެން ބުނީވެސް ޓީސީ ލީގު ފަށާނީ މިފަހަރު ބްރޭކް ނިންމާފައޭ. މިއީ ބެންޗްމާކް ކަމަށްބަލާފަ މި ފަށަނީ. އަލަށް މި މޮޅުވީ އެހެންވީމަ ދެން އިތުރު ވާހަކައެއް ނެތް ދައްކާނެ. ބްރޭކްގައި 15 ޑޭސް ވައްޓާނުލާ ޕްރެކްޓިސް ކޮށްފަ، ކޮންސިސްޓެންޓް ވެލާފަ ޑިސިޕްލިން ހިފަހައްޓާލީމަ މި މޮޅުވީ" ޓީސީގެ ކޯޗު އަހުސަން ރަޝީދު ބުންޏެވެ.
ލީގުގައި މާ އެދެވޭ ނަތީޖާތަކެއް އަދި ނެރެވިފައިނުވާއިރު ޓީސީން އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ ބަދަލުތަކެއް ގެނެސްފައެވެ، ޒުވާން ގިނަ ކުޅުންތެރިންތަކެއް ގޮވައިގެން ލީގަށް ނިކުތް ޓީސީއަށް ކުރިން ކުޅުނު އެއްވެސް މެޗަކުން ޕޮއިންޓެއް ލިބިފައިވާނުވާއިރު ކުރިޔަށް ހުރި މެޗުތަކުން އަދިވެސް ބަދަލުތައް ފެނުން އެކަށީގެންވެއެވެ.
ކޯޗު ފާހަގަ ކުރި ގޮތުގައި ޓީސީން މިރޭ ނިކުންނަ މެޗަށް ކުޅުންތެރިންގެ ފޯކަސް ހުންނާނީ އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކިކަހަލަ ކުޅުމެއް ދައްކާ އިތުރު ޕޮއިންޓްތަކެއް ހޯދުމަށެވެ.
މި މެޗުން މޮޅުވެ ތިން ޕޮއިންޓް ލިބުނު ނަމަވެސް، ޓީސީ އަދިވެސް އޮތީ 10 ޓީމު ވަދަކުރާ ލީގުގެ 9 ވަނައިގައެވެ. ޓީސީ ސްޕޯޓްސް ކުލަބުން މިރޭ ނިކުންނާނީ ތާވަލުގެ 7 ވަނައިގައި މިވަގުތު އޮތް ވިކްޓްރީ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.