ޚަބަރު

އެސްޓަން ވިލާ އަތުން ސިޓީ ބަލިވެއްޖެ


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އާއި ދެކޮޅަށް މެންޗެސްޓަރ ސިޓީ ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ސިޓީ ބަލިވެއްޖެ އެވެ.

އެސްޓަން ވިލާގެ ވިލާ ޕާކްގައި ސާޅީސް އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 19 ވަނަ މިނިޓުގައި އެސްޓަން ވިލާ އަށް ކާމިޔާބުކޮށްދީފައިވަނީ ބުއެންޑިއާގެ ޕާހަކުން މެޓީ ކޭޝް އެވެ.

ނަމަވެސް އޭގެ ދެ މިނިޓު ފަހުން މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ސިޓީ އަށް ވަނީ ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ފިލް ފޯޑެން ދިން ޕާހަކުން އާލިން ހާލަންޑް ގޯލަށް ފޮނުވާލި ހަމަލާ އެސްޓަން ވިލާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް އެސްޓަން ވިލާ އިން ވަނީ ސިޓީގެ ގޯލަށް ނުރައްކާތެރި ހަމަލަތަކެއް ފޮނުވާލާފަ އެވެ. އަދި ދެވަނަ ހާފުގައި ސިޓީގެ ގޯލު ކީޕަރު ޖިއާންލުއިޖީ ޑޮންނަރޫމާ ވަނީ މޮޅު ކުޅުމެއް ދައްކާ ނުރައްކާތެރި ހަމަލަތަކެއް މަތަކޮށްފަ އެވެ.

މި މެޗުން އެސްޓަން ވިލާ މޮޅުވުމާއިއެކު މިއީ ސިޓީ އަތުން އެ ޓީމު މޮޅުނުވާތާ 9 މެޗަށްފަހު މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިއީ 1975 ވަނަ އަހަރަށްފަހު ވިލާ ޕާކްގައި ސިޓީ އަތުން އެސްޓަން ވިލާ މޮޅުވި ފުރަތަމަ ފަހަރެވެ.

އެސްޓަން ވިލާ އިން އަންނަ ނޮވެމްބަރ މަހުގެ ފުރަތަމަ ދުވަހު ނިކުންނާނީ ޗެމްޕިއަން ލިވަޕޫލް އާއި ދެކޮޅަށެވެ.