ޅ. އޮޅުވެލިފުށީގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
އެރަށުގައި ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ.އަތޮޅު މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު އޮޅުވެލިފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ.
އޮޅުވެލިފުށީގެ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ. އަދި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީންއާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހް އަދި ކުރެންދޫ ދާއިރާގެ މެމްބަރ މީގެ އިތުރުން ކައުންސިލްގެ ރައީސްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
އޮޅުވެލިފުށީގައި ތަރައްޤީކުރާ ފުލުހުންގެ މަރުކަޒަކީ ފެނަކަ ކޯޕަރޭޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށްޓަވާފައިވާ މަޝްރޫޢެކެވެ.