ރައްޔިތުންގެ މަޖިލީހުގެ ހިނގަމުން އައި މިއަހަރުގެ ދެވަނަ ދައުރުގައި އެޖެންޑާކުރާނެ އިތުރު މަސައްކަތެއް ނެތުމުން، މިމަހު އިތުރު ޖަލްސާއެއް ނުބާއްވަވާނެކަމަށް ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގާއިވާ ގޮތުން މިއަހަރުގެ ދެވަނަ ދައުރު ނިމި، މަޖިލީހުގެ މެމްބަރުންގެ އެއްމަސް ދުވަހުގެ ޗުއްޓީ ފެށޭނީ އަންނަމަހުގެ އެކަކުން ފެށިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ އެންމެ ފުރަތަ ޖަލްސާ ބާއްވަވާފައި ވަނީ، ޖޫންމަހުގެ ހަތްވަނަ ދުވަހު. އަދި އެންމެފަހު ޖަލްސާ ބާއްވަވާފައި މިމަހުގެ 17 ވީ ބުދަދުވަހުއެވެ. މިދައުރުގައި ޖުމްލަ 17 ޖަލްސާއެއް ބާއްވަވާފައިވެއެވެ.
މި ދައުރުގައި ފާސްކުރައްވާފައިވާ ބިލްތަކާއި ޤާނޫނުތަކަށް ގެންނަވާފައިވާ އިޞްލާޙުތަކުގެ ޢަދަދަކީ ދިހައެކެވެ. މީގެ އިތުރުން ކުރީ ދައުރުގެ މަސައްކަތްތައްވެސް މެމްބަރުން ކުރިއަށް ގެންދަވާ މުހިންމު ބަޙުސްތަކެއް ކުރައްވައި، މަޖިލީހަށް މުހިންމު ބިލްތަކެއް ބަލައިގެންފައިވެއެވެ. މި ދައުރުގެ ތެރެއިން ފާސްކުރެއްވި މުހިންމު ބިލްތަކުގެ ތެރޭގައި، ފަތުރުވެރިކަމާބެހޭ ކަންކަމުގައި ރަށްރަށާއި ބިމާއި ފަޅު ކުއްޔަށް ދެވޭގޮތަށް ޓޫރިޒަމާބެހޭ ޤާނޫނަށް ގެންނެވި އިޞްލާޙާއި، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ ބިލް ފާސްކުރުމާއި، ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނަށް ގެންނެވި އިޞްލާޙް ފާހަގަކޮށްލެވެއެވެ. އަދި ރަށުކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ ޢަދަދު މަދުކުރުމަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް ގެންނެވި އިޞްލާޙާއި، ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އިނގިލީގެ ނިޝާން، އެއްމަސް ދުވަހުގެ ތެރޭގައި ހުށައެޅުން ލާޒިމްކުރުމަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެންނެވި އިޞްލާހާއި، ދިވެހި ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނަށް ގެންނެވި އިޞްލާހުގެ އިތުރުން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް ގެންނެވި އިޞްލާޙާއި، ވަޒީފާއާބެހޭ ޤާނޫނަށް ގެންނެވި އިޞްލާޙް އަދި ޖެންޑަރ އިކުލިޓީގެ ބިލް ހިމެނެއެވެ.
މަޖިލީހުގެ ޖަލްސާއެއް މިމަހު ދެން ނުބާއްވާނެކަމަށް މެމްބަރުން ވިދާޅުވިނަމަވެސް މަޖިލީހުގެ ޢާމީން ޢާންމު އަޙްމަދު މުޙައްމަދު ވިދާޅުވީ، މި ދައުރު ހަމަވާނީ މިމަހުގެ އެއްތިރީހުގައި ކަމަށާއި، މެމްބަރުން ޗުއްޓީއަށް ވަޑައިގަންނަވާކަން އެނގިވަޑައިގެންފައި ނުވާކަމަށެވެ. މަޖިލީހުގެ ޤަވާޢިދު ބުނާގޮތުން ދެވަނަ ދައުރު ހިނގާނީ ޖޫންމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓުމަގެ ނިޔަލަށެވެ.