ބަނދަރާއި މަގުހެދުމާއި ހައުސިން ޔުނިޓް ހިމެނޭހެން ނައިފަރުގެ ތަރައްޤީއަށް ވެފައިވާ ހުރިހާ ވަޢުދެއް ރަނުން ރަނަށް ފުއްދައިދޭނަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޅ. ނައިފަރު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރައްވާ މަސައްކަތަށް އަލިއަޅުއްވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޅ. ނައިފަރު ރައްޔިތުންނަށް ވެފައިވާ ހުރިހާ ވަަޢުދެއް ފުއްދުމަކީ ޒިންމާއެއް ކަމަށާއި މިއަދާ ހަމައަށް އާއިރު މަސައްކަތް ކުރަމުން އައީ އެ ހުރިހާ ކަމެއް ކޮށްދިނުމަަށްކަމަށެވެ. އަދި އެކި ދާއިރާތަކުން ސޮއިކުރެވުނު މަޝްރޫޢުތަކަކީ ވަޢުދުވި ގޮތައް ފުރިހަމަ ކަމާއެކީގައި ރަނުން ރަނަށް ފުރިހަމަ ވެގެންދާނެ ކަންކަންކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން އައިސް ޕްލާންޓެއް ޤާއިމު ކުރުމަށް މިފްކޯއާއި އެކު މަސައްކަތް ފެށިފައިވާކަމަށާއި 45 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ވެސް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން މަގު ހެދުމުގެ މަޝްރޫޢު މިހާރު ފެށިފައިވާއިރު، އެ މަސައްކަތް ނިމޭއިރު ރަށުގެ ހުރިހާ މަގެއްވެސް ހުންނާނީ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައިކަަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމަ ބިން ހިއްކުމުގެ މަސައްކަތަށް ދޭންޖެހޭ އެންމެ މަތީ އެންމެ ފުރިހަމަ ސަމާލުކަން ސަރުކާރުން ދޭނެ. މި މަސައްކަތް ފެށި ނުހުއްޓި ބާރައް ކުރިއަށް ގެންގޮސްދޭނެ ކަމުގެ ޔަގީންކަން އަރުވަން." ރައީސް ވިދާޅުވިއެވެ.
ބަނދަރުގެ މަޝްރޫއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް ބަނދަރުގެ މަޝްރޫޢު ނިންމައިދޭނެކަމަށާއި، އެ ބަނދަރު ވެގެންދާނީ މީހުން ދިރިއުޅޭ ރަށްރަށުގައި ތަރައްޤީކޮށްފައިވާ އެންމެ ބޮޑު އެއް ބަނދަރަށްކަމަށެވެ.
ރައިސުލްޖުމްހުރިއްޔާގެ ވާހަކަފުޅުގައި ކުޅިވަރުގެ ދާއިރާއިން ވެސް ނައިފަރުގެ ރައްޔިތުންނަށް ބޭނުންވާ ގިނަ މަޝްރުޢޫތަކެއް ކުރިއަށް ގެންދަވާނެ ވިދާޅުވެފައެވެ. އަދި ނައިފަރުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ އިސްލާމީ މަަރުކަޒުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ބާރަށް ކުރިއަށް ދާކަމަށާއި އެކަންކަން ނިމުނުހާ އަވަހަކަށް އިސްލާމީ މަަރުކަޒު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ތަޢުލީމީ ގޮތުން ކުރިއަރާފައިވާ އަދި ކުރިއަރަމުން އަންނަ ނައިފަރުގެ ސުކޫލްގެ ޖާގަ އިތުރުކުރަން ޖެހޭ ކަމަށާއި އެގޮތުން 10 ކުލާސް ރޫމާއި ހުރިހާ ވައްތަރެއްގެ ލެބްތައް ހިމެނޭހެން އިމާރާތެއް އެޅުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސްޕީޗް ތެރަޕިސްޓެއް ނައިފަރަށް ހަމަޖެއްސުމަށް ނިންމާފައިވާ ކަަމަށާއި އަދި ނައިފަރުގެ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ސްކޯޕް ބޮޑުކޮށް 50 އެނދުގެ ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި ނައިފަރު ހޮސްޕޓަލް ތަރައްގީކުރުމަށް ނިންމާފައިވާކަމަށެވެ. މީގެއިތުރުން ނައިފަރަށްވެސް އެންމެ ގިނަވެގެން 4 މަސްދުވަސްތެރޭގައި ސީޓީ ސްކޭން އާއި އެހެން ހިދުމަތްތައްވެސް އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވިގޮތަށް 400 ހައުސިން ޔުނިޓް ގާއިމުކޮށްދެއްވާނެކަމަށެވެ. އަދި އެ 400 ހައުސިން ޔުނިޓްގެ އިތުރަށް 2027 ވަނަ އަހަރުގެ ތޭރޭގައި އިތުރު 400 ހައުސިން ޔުނިޓް އެޅުމަށް މަސަައްކަތް ފައްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ނައިފަރުގެ ރައްޔިތުންނާއި ބައްދަލް ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން ވަނީ ނައިފަރަށް ބޭނުންވާ ގިނަ މަޝްރޫޢުތަކެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ނައިފަރުގައި ތަރައްޤީކުރުމާއި ނައިފަރުގައި 300 ހައުސިންގ ޔުނިޓް އިމާރާތްކުރުމާއި ނައިފަރުގެ އައު ބަނދަރެއް ގާއިމު ކުރުމާއި، ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ނައިފަރުގައި ވެމްކޯގެ ހިދުމަތް ފެށުމުގެ މަސައްކަތުގެ އިތުރުން ނައިފަރުގައި ސްޕޯޓްސް ކޮންޕްލެކްސްއެއް ގާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.