ޅ. ކުރެންދޫގައި ސަރުކާރުން ގާއިމުކުރައްވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.
މި ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. ކުރެންދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކުރައްވައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙުގެ އިތުރުން ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބު އަދި އެ ރަށު ކައުންސިލްގެ ރައީސެވެ.
ކުރެންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ތަރައްގީކޮށް ނިމޭއިރު އިންޑޯ ޖިމަކާއި، އެރޮބިކްސް އާއި، އެކި ކަހަލަ ބޯޑު ގޭމުތަކާއި، އިންޑޯ ކުޅިވަރުތައް ކުޅޭނެ ވަސީލަތްތައް ގާއިމުކުރެވޭނެއެވެ.
މިއީ ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައުތަކެއް ބިނާކުރުމަށް ކޮންމެ ރަށެއްގައިވެސް ސަރުކާރުން ގާއިމުކުރުމަށް ނިންމާފައިވާ ކުޅިވަރުގެ މުހިންމު ވަސީލަތެކެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ނިންމައި، ރައްޔިތުންނަށް ބޭނުންކުރެވޭގޮތް ހެދުމަކީ ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެކެވެ.